Last Updated: June 3, 18:45
Tuesday, June 3, 2025
ޚަބަރު

އިތުރު 196 ފުލުހުން ތަމްރީނުވެއްޖެ

އައްޑޫގައި ބޭއްވި ފުލުހުންގެ 39 ވަނަ އަސާސީ ތަމްރީނު ކޯހުގައި ބައިވެރިވި 210 ފުލުހުންގެ ތެރެއިން 196 ފުލުހުން ރޭ ކާމިޔާބުކަމާ އެކު ކޯސް ނިންމާލައިފި އެވެ.

ޖެނުއަރީ 19 އިން ފެށިގެން ހަތަރު މަސް ދުވަހުގެ މުއްދަތަށް ހިންގި ކޯހުގެ ދަސްވެނިވުމުުގެ ރޭ ބޭއްވީ އައްޑޫ ޕޮލިސް ކޮލެޖްގަ އެވެ. އެ ރަސްމިއްޔާތުގައި ބައިވެރިންނަށް ސެޓްފިކެޓާއި ހަނދާނީފިލާ ހަވާލުކޮށް ދެއްވީ ޕްރޮސިކިއުޓަ ޖެނެރަލް އައްބާސް ޝަރީފެވެ.

ކޯހުގެ އެންމެ މޮޅު ދަރިވަރަކަށް ހޮވުނީ ކޮންސްޓެބަލް ހުސެއިން ތާއިމެވެ. އޭނަ އަށް ކޮމިޝަނާ އޮފް ޕޮލިސްގެ އެކްސެލެންސް އެވޯޑު ލިބުނެވެ.

ފުލުހުންގެ އަސާސީ ތަމްރީނު ކޯހަކީ ފުލުހުންގެ ވަޒީފާއަށް ބޭނުންވާ ތަމްރީނާއި ތަރުބިއްޔަތު އުނގަންނައި ދީ ފުލުހުންގެ މަސައްކަތަށް ބޭނުންވާ އިލްމީ ގާބިލުކަމާއި ހުނަރާއި ތަޖުރިބާ ލިބިދިނުމަށް ކުރިއަށް ގެންދާ ކޯހެކެވެ. މި ކޯހުގައި ފިޒިކަލް ޓްރެއިނިން، އޮޕަރޭޝަނަލް ސޭފްޓީ އެންޑް ޓެކްޓިކްސް އަދި ގާނޫނާއި ގަވާއިދުތަކުގެ އިތުރުން ފުލުހުންގެ މަސައްކަތްތަކާ ގުޅުންހުރި ބައިތައް ކިޔަވައި ދޭނެ އެވެ.

ފުލުހުންގެ އަސާސީ ތަމްރީނުގެ 39 ވަނަ ބުރު އައްޑޫގައު ރޭ ނިންމައިލި އިރު، މީގެ 40 ވަނަ ބުރު ދ. ވާނީގައި މިދިޔަ މަހުން ފެށިގެން ކުރިއަށް އެބަދެ އެވެ. އޭގައި 138 ފުލުހުން ބައިވެރިވެ އެވެ.