Last Updated: June 10, 20:48
Wednesday, June 10, 2026
މުނިފޫހިފިލުވުން

"ނޯ އެންޓްރީ 2" އިން ދިލްޖީތު ވަކިވެއްޖެ!

މި އަހަރު ޝޫޓިން ފަށަން ޕްލޭންކޮށްފައި އޮތް ބޮލީވުޑްގެ ފިލްމު "ނޯ އެންޓްރީ" ގެ ދެވަނަ ބައިގެ ކާސްޓުންގެ ތެރޭގައި ހިމެނޭ ދިލްޖީތު ދޮސަންޖް އެ ފިލްމު ދޫކޮށްލައިފި އެވެ.

މީޑިއާތަކުން ބުނީ ކާމިޔާބު ހިންދީ ފިލްމުތަކެއް ކުޅެފައިވާ، ފަގުޑި އެޅި ޕަންޖާބީ އެކްޓަރު ފިލްމު ދޫކޮށްލީ ފިލްމުގެ ކްރިއޭޓިވް ޓީމާ ދެމެދު އުފެދުނު ހިޔާލު ތަފާވުންތަކަކާ ހެދި ކަމަށެވެ.

"ނޯ އެންޓްރީ" އަކީ ބޯނީ ކަޕޫރް ޕްރޮޑިއުސްކޮށް، އަނީސް ބަޒްމީ ލިޔެ، ޑައިރެކްޓް ކުރަން ހަމަޖެހިފައިވާ ބަޑީ ރޮމޭންޓިކް ކޮމެޑީއެކެވެ.

މީގެ ލީޑް އެކްޓަރުންނަށް ނެގީ ބޯނީގެ ދަރިފުޅު އަރުޖުން ކަޕޫރާއި ވަރޫން ދަވަންގެ އިތުރުން ދިލްޖީތެވެ. ނަމަވެސް ދިލްޖީތު ފިލްމު ދޫކޮށްލުމާ ގުޅިގެން އޭނަގެ ބަދަލުގައި އެހެން އެކްޓަރަކު ހޯދުމަށް މިހާރު އަންނަނީ މަސައްކަތް ކުރަމުންނެވެ. ދިލްޖީތު "ނޯ އެންޓްރީ 2" ދޫކޮށްލި އިރު، ވަރޫން ވެސް ކާސްޓްގައި ހިމެނޭ ސަނީ ޑިއޯލްގެ "ބޯޑާ 2" ގެ ޝޫޓިން އޭނަ އަންނަ މަހުގެ ތެރޭގައި ފަށާނެ އެވެ.

ދިލްޖީތު ކުޅެފައިވާ ހިންދީ ފިލްމުތަކުގެ ތެރޭގައި "އުޅުތާ ޕަންޖާބު"، "ގުޑް ނިއުސް" އަދި "އަމަރު ސިންގް ޗަމްކީލާ" ހިމެނެ އެވެ.

"ނޯ އެންޓްރީ 2" އަކީ އަނީސް 2005 ގައި ގެނެސްދިން ކާމިޔާބު ފިލްމު "ނޯ އެންޓްރީ" ގެ ސީކްއެލް އެވެ. އޭގެ ކާސްޓުންނަކީ ސަލްމާން ޚާން، އަނިލް ކަޕޫރް، ފަރުދީން ޚާން، ލާރާ ދައްތާ، އީޝާ ޑިއޯލް، ސެލީނާ ޖެއިޓްލީ އަދި ބިޕާޝާ ބާސޫ އެވެ.

ނަމަވެސް އާ އެ ފިލްމުގައި ކުރީގެ އެއްވެސް ކާސްޓެއް ނުހިމެނޭނެ އެވެ. "ނޯ އެންޓްރީ 2" ގެ ބަތަލާއިންނަކި ކޮބައި ކަމެއް އަދި ނޭނެގ އެވެ. މި ފިލްމުގެ ޝޫޓިން އަންނަ އޮގަސްޓް މަހުގެ ތެރޭގައި ފަށަން ޕްލޭންކޮށްފައިވާ އިރު، ފިލްމަށް ލޮކޭޝަން ހޯދަން އަނީސް އާއި ބޯނީ މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ގްރީސް އަށް ދަތުރެއް ވެސް ކޮށްފައިވެ އެވެ.

އަނީސްގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ "ބޫލް ބުލައްޔާ 3" އެވެ.