ފައިނަލްގައި އިންޓަ މިލާން 0-5 އިން ބަލިކޮށް ޗެމްޕިއަންސް ލީގުގެ ޗެމްޕިއަންކަން ޕީއެސްޖީން ހޯދައިފި އެވެ.
މިއީ ޗެމްޕިއަންސް ލީގުގެ ފައިނަަލެއްގައި ފެނުނު އެންމެ ފަރަގު ބޮޑު ނަތީޖާ އެވެ.
ޕީއެސްޖީގެ ތާރީހުގައި ވެސް ޗެމްޕިއަންސް ލީގު އެ ކްލަބުން ފުރަތަމަ ފަހަރަށް ކާމިޔާބުކޮށްފައިވާއިރު، ޗެމްޕިއަންސް ލީގު ތަށްޓާއެކު ޕީއެސްޖީން ވަނީ މި ސީޒަނުގައި ހަތަރު ތަށި ކާމިޔާބުކޮށްފަ އެވެ. ޗެމްޕިއަންސް ލީގުގެ އިތުރުން ޕީއެސްޖީން ވަނީ ފްރެންޗު ލީގާއި ފްރެންޗު ކަޕް އަދި ފްރެންޗު ސުޕަ ކަޕް ވެސް ކާމިޔާބުކޮށްފަ އެވެ.
ޖަރުމަނުގެ އެލިއާންޒް އެރީނާގައި ކުޅުނު މެޗުގެ 12 ވަނަ މިނެޓްގައި އަޝްރަފް ހަކީމީ ވަނީ ޕީއެސްޖީއަށް ލީޑު ނަގައިދީފަ އެވެ. އިންޓައަށް ކުރިން ކުޅުނު ހަކީމީ މި ގޯލު ކާމިޔާބުކުރީ ހުސްކޮށްލާފައި ޑެސެއާ ޑޫއޭ ދިން ބޯޅައަކުންނެވެ. އަދި މެޗުގެ 20 ވަނަ މިނެޓްގައި ޕީއެސްޖީން އުފެއްދި ކައުންޓަ އެޓޭކެއްގައި އެޓީމުގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިނީ މި މެޗުގައި މޮޅު ކުޅުމެއް ދެއްކި އުމުރުން 19 އަހަރުގެ ޑޫއޭ އެވެ.
ފުރަތަމަ ހާފުގައި އިންޓަގެ ރަނގަޅު ދެ އެޓޭކް ވެސް ފެނުނީ ކޯނަރުގަ އެވެ. އެ ގޮތުން ތަޖުރިބާކާރު ޑިފެންޑަރު، ފްރެންޗެސްކޯ އަޗޭބީ އާއި ފޯވާޑް މާކަސް ތުރާމް ބޮލުން ފޮނުވާލި ބޯޅަތައް ގޯލާ ސީދާ ވާގޮތެއްނުވި އެވެ.
ދެ ވަނަ ހާފު ފަށައިގެން އިންޓަ އިން ކުރިއަށް ޖެހިގެން ކުޅެން ފެށިއިރު، ޕީއެސްޖީން ދިޔައީ ކައުންޓަ އެޓޭކުތަކުގައި އިންޓަގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 63 ވަނަ މިނެޓްގައި ޑޫއޭ ޕީއެސްޖީގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދިން އިރު، އޭގެ 10 މިނެޓް ފަހުން ޕީއެސްޖީގެ ހަތަރުވަނަ ގޯލު ކާމިޔާބުކޮށްދިނީ ކްވިޗާ ކްވްރަޝްކޭލިއާ އެވެ.
އަދި، ބަދަލަކަށް ކުޅެން އަރައި، މިދިޔަ މަހު 19 އަހަރު ފުރުނު ސެނީ މަޔޫލޫ ވަނީ ޕީއެސްޖީގެ ފަސް ވަނަ ގޯލު ކާމިޔާބުކޮށްދީފަ އެވެ.
މިއީ ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭގެ ކޯޗިން ކެރިއަރުގައި ޗެމްޕިއަންސް ލީގު ހޯދި ދެވަނަ ފަހަރެވެ. އޭނާ ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގު ހޯދީ ބާސެލޯނާއާއެކު އެވެ.