Last Updated: June 3, 18:45
Tuesday, June 3, 2025
ޚަބަރު

ރައީސް މުއިއްޒު ނަބަވީއަށް ޒިޔާރަތް ކުރައްވައިފި

ހައްޖުގެ މަތިވެރިކަން އަޅުކަމަށް ސައުދީ އަރަބިއްޔާއަށް ވަޑައިގެންނެވި ރައީސް ޑރ. މުހައްމަދު މުއިއްޒު، މަސްޖިދުއް ނަބަވީއަށް ޒިޔާރަތް ކުރައްވައިފި އެވެ.

ސައުދީ ޕްރެސް އެޖެންސީ (އެސްޕީއޭ) އިން ބުނީ ރައީސް މުއިއްޒު ރަސޫލާގެ މިސްކިތްކޮޅަށް ޒިޔާރަތް ކުރައްވާ އެ ތަނުގައި ނަމާދު ކުރައްވާފައިވާ ކަމަށެވެ. މި ޒިޔާރަތުގައި ރައީސްގެ އަރިހުގައި ސައުދީއަށް ވަޑައިގެންނެވި ވަފުދުގެ ބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

މިއަހަރުގެ ހައްޖުގެ އަޅުކަން އަދާކުރެއްވުމަށް ރައީސް މުއިއްޒާއި އަނބިކަނބަލުން ސާޖިދާ މުހައްމަދު ސައުދީއަށް ވަޑައިގެންނެވީ އިއްޔެ އެވެ.

މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރާއި ފޮރިން މިނިސްޓަރު ޑރ. ޢަބްދުﷲ ޚަލީލްގެ ދެކަނބަލުންނާއި، އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދާއި ސްޕޯޓްސް މިނިސްޓަރު ޢަބްދުﷲ ރާފިޢުގެ ދެކަނބަލުންނާއި، އިސްލާމީ މަރުކަޒުގެ އިސް އިމާމު ޝައިޚް މުޙައްމަދު ލަޠީފްގެ ދެކަނބަލުންގެ އިތުރުންދި ޗީފް އޮފް ޕްރޮޓޮކޯލް، މުޙައްމަދު ޝަހުދީ ބައިވެރިވެވަޑައިގަންނަވަ އެވެ.

ރައީސްގެ ދެކަނބަލުން ހައްޖަށް ވަޑައިގެންނެވިއިރު، ރާއްޖެ އަށް މި އަހަރު ލިބުނު 1،000 ހައްޖު ކޯޓާގައި ހައްޖުގެ އަޅުކަން އަދާކުރާ އެންމެން މިހާރު ތިބީ މައްކާގަ އެވެ. ހުރިހާ ހައްޖުވެރިންގެ ހާލުވެސް ރަނގަޅު ކަމަށް ހައްޖު މިޝަނުން ބުނެ އެވެ.