Last Updated: June 3, 18:45
Tuesday, June 3, 2025
ކުޅިވަރު

ބެލޮންޑިއޯ ހައްގީ ޑެމްބެލޭ އަށް: އެންރީކޭ

ފްރާންސް ފުޓްބޯލް އިން ހޮވާ ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަށް ދޭ ބެލޮންޑިއޯ އެވޯޑް ހައްގީ ޕީއެސްޖީ އަށް ކުޅެމުން އަންނަ އޮސްމާނޭ ޑެމްބެލޭ އަށް އެ ޓީމުގެ ކޯޗު ލުއިސް އެންރީކޭ ބުނެފި އެވެ.

އިންޓަ މިލާން 5-0 އިން ބަލިކޮށް ޕީއެސްޖީން ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމުން ބެލޮންޑިއޯ އެވޯޑް ހޯދުމުގެ ފުރުސަތު މި ސީޒަނުގައި މޮޅު ކުޅުމެއް ދެއްކި ޑެމްބެލޭ އަށް ވަނީ ބޮޑުވެގެން ގޮސްފަ އެވެ.

ޗެމްޕިއަންސް ލީގު ތަށި ހޯދުމަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުން އެންރީކޭ ބުނީ އެންމެންވެސް ބެލޮންޑިއޯ އެވޯޑުގެ ވާހަކަ ދައްކަމުން އަންނަ ކަމަށާއި އޭނާ އެ އެވޯޑު ދޭނީ ޑެމްބެލޭ އަށް ކަމަށެވެ. އެގޮތުން ރޭގެ މެޗުގައި ވެސް ޑިފެންސިވް މޮޅު ކުޅުމެއް ޑެމްބެލޭގެ ފަރާތުން ފެނިގެންދިޔަ ކަމަށާއި އޭނާއަކީ ލީޑަރެއް ކަމަށް އެންރީކޭ ބުންޏެވެ.

"އެއްވެސް ޝައްކެއް ނެތް، މި އެވޯޑު ޑެމްބެލޭ އަށް ހައްގު،" އެންރީކޭ ބުންޏެވެ.

ޑެމްބެލޭގެ ފަރާތުން ގޯލުތައް ފެނުމުގެ އިތުރަށް އޭނާގެ "ޕްރެސިން" ގޭމް ވެސް މި ސީޒަނުގައި މޮޅު ކަމަށާއި، ޑެމްބެލޭއަށް މިއީ ތަފާތު މޮޅު ސީޒަނެއް ކަމަށްވެސް އެންރީކޭ ބުންޏެވެ.

މި ސީޒަނުގައި ޕީއެސްޖީ އަށް ކުޅެދިން 49 މެޗުގައި ޑެމްބެލޭ ވަނީ 33 ގޯލު ކާމިޔާބުކޮށް 15 އެސިސްޓް ހަދައިފަ އެވެ.

ޕީއެސްޖީގެ ތާރީހުގައި ވެސް ޗެމްޕިއަންސް ލީގު އެ ކްލަބުން ފުރަތަމަ ފަހަރަށް ކާމިޔާބުކޮށްފައިވާއިރު، ޗެމްޕިއަންސް ލީގު ތަށްޓާއެކު ޕީއެސްޖީން ވަނީ މި ސީޒަނުގައި ހަތަރު ތަށި ކާމިޔާބުކޮށްފަ އެވެ. ޗެމްޕިއަންސް ލީގުގެ އިތުރުން ޕީއެސްޖީން ވަނީ ފްރެންޗު ލީގާއި ފްރެންޗު ކަޕް އަދި ފްރެންޗު ސުޕަ ކަޕް ވެސް ކާމިޔާބުކޮށްފަ އެވެ.