Last Updated: June 4, 21:13
Wednesday, June 4, 2025
ޚަބަރު

މާލޭގެ ހަނި ގޯޅިތަކުގައި ހުރި ގޯތިތައް ލާޖައްސަނީ

ތޮއްޖެހުމުގެ މައްސަލަ ބޮޑު ރާއްޖޭގެ ވެރިރަށް، މާލޭގެ ހަނި ގޯޅިތަކުގައި ހުރި ގޯތިތައް، މާލެ ސަރަހައްދުން ހިއްކާ ބިމަކަށް ބަދަލު ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވައިލާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ މީޑިއާ، ޕީއެސްއެމްގައި އަށް އެ މަނިކުފާނުި ވިދާޅުވީ މީހުން ދިރިއުޅޭ ބައެއް ގޯތިތައް އިންތިހާ އަށް ހަނިވުމުން، ގެ ހަދަން ބޭންކުން ލޯނު ނުލިބޭ ވަރަށް ގިނަ ގޯތިތައް ވެސް އެބަހުރި ކަމަށެވެ.

"މި މީހުންނަށް، އަޅުގަނޑު ރިޔާސީ އިންތިހާބުގައި ވައުދުވިން، ލާޖައްސާ އުސޫލުން މާލޭ ސަރަހައްދުން، ގްރޭޓާ މާލޭ އޭރިއާއިން ބިންދީފައި، އެތަންތަން ދައުލަތަށް ނަގާފައި، އެ ލޯނު ލިބޭނެ މަގު ފަހިކޮށްދޭނެ ވާހަކަ،" ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ މިފަދަ އިންތިޒާމެއް ހަމަޖެއްސުމުން އެފަދަ ތަންތަމުގައި އުޅޭ މީހުންނަށް ގޯތިހަދަން ފުރުސަތު ފަހިވާނެ ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި ލާޖައްސައި ގޯތި ބަދަލު ކުރަން ބޭނުންވާ މީހުންނަށް ދޭނީ ހަމަ މިހާރު ވެސް އެ މީހުންގެ އަތުހައި ހުރި ސައިޒުގެ ގޯތި ކަމަށެވެ. އެގޮތުން ގޯތި ދޭނީ ރަސްމާލެ ފަދަ މާލޭ ސަރަހައްދުން ހިއްކާ ތަނަކުން ކަމަށާއި އޭގެ ތެރޭގައި ގިރާވަރުފަޅު، ގުޅީފަޅު އަދި ހުޅުމާލެ ވެސް ހިމެނޭނެ ކަމަށް ވިދާޅުވި އެވެ.

"ދެން މި ވައުދު ފުއްދުމަށް އިރާދަކުރެއްވިއްޔާ އަޅުގަނޑު ޕްލޭންކޮށްފައި މިއޮތީ ދާދި އަވަހަށް ފަށަން އިނގޭތޯ. އެހެންވީމާ، ސަރުކާރުން ވަރަށް އަވަހަށް އިއުލާނު ކުރާނެ." ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި މި އިންތިޒާމުގެ ދަށުން މާލެއިން ހުސްވާ ގޯތިތައް ސަރުކާރަށް ނެގުމަށް ފަހު އެތަންތަން ހަނދާނީ ހުސް ޖާގަތަކަށް ކަމަށާއި އޭގެ ބޭނުމަކީ ދިރިއުޅެން ފަސޭހަ، ހިތްގައިމު ތަނަކަށް މާލެ ހެދުން ކަމަށެވެ. އެވެ.