މުޅި ރާއްޖެ އަށް ވެސް މިހާރު މަޝްހޫރު ފުވައްމުލަކުގެ "ބާބާ ގާޑިޔާ" އިން ފަލަސްތީނަށް އެހީވާން 20،000ރ. ހަދިޔާކޮށްފި އެވެ.
މި ފައިސާ އަކީ ރޭ ހުޅުމާލޭގައި ނިންމައިލި މި އަހަރުގެ "ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު" ގެ ތެރޭގައި "ބާބާ ގާޑިޔާ" އިން ރޭ ކުރި ވިޔަފާރިން ލިބުނު އާމްދަނީގެ ފަސް ޕަސެންޓެވެ. އެގޮތުން ފައިސާގެ ރަމްޒީ ޗެކް ރޭ ވަނީ ދިވެހިންގެ ފަރާތުން ފަލަސްތީނަށް އެހީ ފޯރުކޮށް ދިނުމުގައި ހަރަކާތްތެރިވަމުން އަންނަ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިނާ ހަވާލުކޮށްފަ އެވެ.
މިކަމާ ގުޅިގެން އެ ޖަމިއްޔާ އިން ވަނީ "ބާބާ ގާޑިޔާ" އަށް ޝުކުރު އަދާކޮށްފަ އެވެ.
ގާޒާގެ ރައްޔިތުންނަށް އެހީވާން ރާއްޖެ އިން މިހާތަނަށް އެކި ފަހަރު މަތިން އެކި ފެންވަރުގައި ގިނަ އަދަދެއްގެ ފައިސާ ހަދިޔާކޮށްފައިވެ އެވެ.
އެގޮތުން ޖަމިއްޔާ ޖަމާއަތްތަކުން ފަންޑް ރައިޒިން ހަރަކާތްތައް ހިންގައިގެންނާއި އެކިއެކި ކައުންސިލްތަކާއި ސަރުކާރުގެ އެކި ކުންފުނިތަކާއި އަމިއްލަ އެތައް ވިޔަފާރިތަކާއި ބައެއް ފަރުދުން ވެސް ބޮޑެތި އަދަދުތަކުން ފައިސާގެ އެހީތެރިކަން ފޯރުކޮށް ދީފައިވެ އެވެ.