މިދިޔަ އަހަރުގެ އެންމެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ކަމަނާ" ގެ ޓީމުން މި އަހަރު "ކަނބުލޮ" ގެނެސްދޭން ނިންމައިފި އެވެ.
ރޭ އޮލިމްޕަހުގައި ބޭއްވި ހަފުލާއެއްގައި ލޯންޗްކުރި މި ފިލްމު ބެލުންތެރިންނަށް ދޫކޮށްލަން ހަމަޖެހިފައި ވަނީ އޮގަސްޓް މަހުގެ 31 ގަ އެވެ. "ކަނބުލޮ" އަކީ "ކަމަނާ" ވެސް ގެނެސްދިން ޕްރޮޑަކްޝަން ހައުސްތައް ކަމަށްވާ އަލީ ޝާނީޒްގެ ސެޓާން ސްޓޫޑިއޯ އާއި ޑައިރެކްޓަރު ހުސައިން މުނައްވަރު (ކިޑް) ގެ ކިޑް ޕްރޮޑަކްޝަން ގުޅިގެންނެވެ.
"ކަނބުލޮ" ގެ ވެސް ޑައިރެކްޓަރަކީ "ކަމަނާ" ވެސް ޑައިރެކްޓަރު ކިޑެވެ.
ޔަޝްފާ ޢަބްދުލް ޣަނީގެ ވާހަކައަކަށް "ކަނބުލޮ" ސްކްރީންޕްލޭ ލިޔެފައި ވަނީ "ކަމަނާ" ގެ ވެސް ސްކްރީން ރައިޓަރު މަހުދީ އަހުމަދެވެ. "ކަނބުލޮ" އަކީ 2009 ވަަނަ އަހަރު ދިގު ވާހަކަ މުބާރާތުން ޔަޝްފާ އަށް އެއް ވަނަ ލިބުނު "ޔުކްތާ" އަށް ބިނާކޮށް ހަދާ ފިލްމެމެކެވެ.
މީގެ ސްކްރީން ރައިޓަރު މަހުދީ ސްކްރިޕްޓްތަކަށް ކިޑް ގެނެސްދިން ފިލްމުތަކުގެ ތެރޭގައި "ކަމަނާ" ގެ އިތުރުން "ސަޒާ" އާއި "ދިލަކަނި" ވެސް ހިމެނެ އެވެ.
"ކަނބުލޮ" އަކީ ގެވެށިއަނިޔާ އާއި ކުޑަކުދިންނަށް ކުރާ ގޯނާގެ މައްޗަށް ބިނާކޮށް ގެނެސްދޭ ފިލްމެކެވެ.
މީގެ މައިގަނޑު ކާސްޓްގައި ހިމެނެނީ "ކަމަނާ" ގެ ޓައިޓްލް ރޯލު ކުޅުނު މަރިޔަމް އައްޒަގެ އިތުރުން އިސްމާއީލް ރަޝީދު (ކޮޕީ އިއްސެ) އާއި އަހުމަދު ނިމާލާއި ޝީލާ ނަޖީބާއި އަހުމަދު އީސާ (އާނަންދު) އާއި ވާޝިއާ މުހައްމަދުގެ އިތުރުން މަރިޔަމް ޝަކީލާ އެވެ.
އޮލިމްޕަހުގައި މި އަހަރު އެޅުވި ފުރަތަމަ ފިލްމަކީ އެޕްރީލް 28 ގައި ޕްރީމިއާކުރި މޫމިން ފުއާދުގެ "އަބަދަށް" އެވެ. ދެން އެންމެ އަވަހަށް އޮލިމްޕަހަށް އަންނަން އޮތް ފިލްމަކީ މި މަހުގެ 17 ގައި ޕްރީމިއާ ކުރަން ހަމަޖެހިފައިވާ ފާތުމަތު ނަހުލާގެ "ސޮރީ" އެވެ.