އިނގިރޭސިވިލާތާ އެކު މިދިޔަ ހަފުތާގައި ބޭއްވި މޯލްޑިވްސް-ޔޫކޭ ޑަޔަލޮގްގައި ކުރީގެ ސަރުކާރުން އެ ގައުމާ އެކީ ހަދަން އެއްބަސްވެ މި އަހަރުގެ ތެރެގައި އަމަލީ ތަންފީޒު ކުރަން ފަށާ ފޮތަށް އޮތް ފްރީ ޓްރޭޑް އެގްރިމަންޓް އެފްޓީއޭ) ގެ ވާހަކަ އުނިކޮށްފައިވާތީ އެ ސަބަބު ސާފުކޮށް ދޭން އެމްޑީޕީން ގޮވާލައިފި އެވެ.
އެ ޕާޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރާއްޖެ އިން އިނގިރޭސިވިލާތަށް ބޭރުކުރާ މަހުން ޑިއުޓީ އެއްކޮށް ކަނޑާލަން ދެ ގައުމުން އެއްބަސްވެ މަސައްކަތްތަކެއް ކުރެވުނު ކަމަށެވެ. އެގޮތުން އެ އެފްޓީއޭއާ ގުޅޭ ގޮތުން އިނގިރޭސިވިލާތާ އެކު ކުރަން ޖެހޭ މަޝްވަރާތައް ނިމި، އެ ގައުމު ސަރކާރުން އެފްޓީއޭއާ ގުޅޭ ގޮތުން ރައްޔިޔުންގެ ހިޔާލު ވެސް ހޯދަން ޖޫން 8، 2023 ގައި ހުޅުވައިލި ކަމަށް އެ ޕާޓީން ބުންޏެވެ.
އެގޮތުން މިދިޔަ ސަރުކާރުގެ ދައުރު ނިމުނު އިރު މި އަހަރުގެ ތެރޭގައި އެފްޓީއޭ ތަންފީޒު ކުރަން ރޭވިފައި އޮތް ކަމަށް ވެސް އެމްޑީޕީން ބުންޏެވެ.
އެކަމަކު މިދިޔަ ހަފުތާގައި ބޭއްވި މޯލްޑިވްސް-ޔޫކޭ ޑައިލޮގްގައި އެ އެފްޓީއޭގެ ވާހަކަ ހިމަނާފައި ނުވާކަން ކަމަށް ބުންޏެވެ.
"މިއީ އެމްޑީޕީން ނިހާޔަތަށް ކަންބޮޑުވާ ކަމެއް. މި ޑައިލޮގްގައި އެފްޓީއޭގެ ވާހަކަ އުނިކޮށްފައިވާ ސަބަބު ސަރުކާރުން ދިވެހި ރައްޔިތުންނަށް ހާމަކޮށް ދިނުމަށް ގޮވާލަން." އެމްޑީޕީން ބުންޏެވެ.
މިދިޔަ ބުދަ ދުވަހު ބޭއްވި ދެ ގައުމުން ބޭއްވި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައި ވަނީ ނގިރޭސިވިލާތުން އިމިގްރޭޝަން ޕޮލިސީތަކަށް ގެނައި ބަދަލާ ގުޅިގެން ދިވެހިންނަށް ދިމާވާ ދަތިތައް ހައްލު ކުރުމަށާއި ވިސާ ލިބުމުގައި ދިމާވާ ދަތިތައް ހައްލު ކުރުމާ ގުޅޭ ގޮތުންނެވެ. އެގޮތުން ރާއްޖެ އިން އިނގިރޭސިވިލާތައް ކިޔަވަންދާ ދަރިވަރުން އިތުރުވަމުންދާތީ އަދަރިވަރުންނަށް ޝެވެނިން އަދި ކޮމަންވެލްތު ސްކޮލާޝިޕްގެ ފުރުސަތުތައް އިތުރު ކުރަން ވެސް މަޝްވަރާކުރި އެވެ.
ޔޫކޭ-މޯލްޑިވްސް ޑަޔަލޮގުގެ ނަމުގައި ފުރަތަމަ މަޝްވަރާ ބައްދަލުވުން ބޭއްވީ ސޯލިހުގެ ވެރިކަމުގައި ފެބްރުއަރީ 20، 2023 ގަ އެވެ. އެ ބައްދަލުވުމުގައި މަސްވެރިކަމުގެ ސިނާއަތުގައި ޓްރޭޑިން ޕާޓްނަރުންގެ ގޮތުގައި ދެ ގައުމު ހަރަކާތްތެރިވުމަށް ނިންމި އެވެ.
ޔޫކޭ-މޯލްޑިވްސް ޑަޔަލޮގުގެ ފުރަތަމަ ބައްދަލުވުމަށްފަހު ރާއްޖެއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ހަދަން އިނގިރޭސިވިލާތުން އާންމުންގެ ހިޔާލު ހޯދުމަށް ހުޅުވާލީ ޖޫން 8، 2023 ގަ އެވެ.
މިގޮތުން ފްރީ ޓްރޭޑް އެއްބަސްވުމުގައި އިސްކަންދޭންވީ ކަންކަމާއި ރާއްޖެއާއެކު ވިޔަފާރިކުރުމުގައި އިނގިރޭސިވިލާތުގެ ވިޔަފާރިތަކަށާއި ޖަމިއްޔާތަކަށް ހުރި ގޮންޖެހުންތައް ދެނެގަތުމަށްޓަކައި ހިޔާލު ހުށަހެޅުމަށް އަށް ހަފްތާގެ މުއްދަތެއް އޭރު ދިނެވެ.