Last Updated: June 4, 21:13
Wednesday, June 4, 2025
ޚަބަރު

ޔުމްނު ވެއްޓުން: ކޮމިޝަންގެ ރިޕޯޓް ނިމުމާ ގާތަށް

ފުރާޅެއްގެ މައްޗަށް ހައްވާ ޔުމްނު ވެއްޓުނު މައްސަލައިގެ ހަގީގަތް ހޯދަން އުފެއްދި ރިޔާސި ކޮމިޝަންގެ ރިޕޯޓް ގާތްގަނޑަކަށް ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ރައީސް ޑރ. މުހައްމަދު މުއިއްޒާ ހަވާލު ކުރާނެ ކަމަށް ކޮމިޝަން ބުނެފި އެވެ.

މިކަން ހާމަކުރީ ކުރީގެ އެޓާނީ ޖެނެރަލް ޑރ. މުހައްމަދު މުނައްވަރު ރައީސަކަށް ހުންނެވި ކޮމިޝަނުން މިއަދު އެކްސްގައި އާންމުކުރި ޕޯސްޓެއްގަ އެވެ.

އެ ކޮމިޝަނުން ބުނީ އެ ކޮމިޝަނާ ހަވާލުކުރިޮ މަސައްކަތް ނިމެން ގާތްވެފައިވާ ކަމަށެވެ.

ހ. ފެންޓެނޯއީގޭގެ ނުވަ ބުރިން ޖެހިގެން އިން އިމާރާތުގެ ފުރާޅުމައްޗަށް ޔުމްނު، 21، ވެއްޓުނީ އެޕްރީލް މަހުގެ 18 ވަނަ ދުވަހުގެ ރޭގަ އެވެ. އެ ހާދިސާގައި ލިބުނު އަނިޔާތަކާ ގުޅިގެން ޔުމްނު އަށް އަންނަނީ މެލޭޝިއާގައި ފަރުވާ ދެމުންނެވެ.

ޔުމްނު ވެއްޓުނު މައްސަލައާ ގުޅިގެން ރައުދު އަހުމަދު ޒިލާލް، 22، ހައްޔަރު ކުރި ނަމަވެސް އޭނަ މިހާރު ހުރީ ދޫކޮށްލައިފަ އެވެ. އަދި އޭނަގެ މައްޗަށް ދައުވާކޮށް ދޭން އެދި ފުލުހުން ވަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހު ޕްރޮސެކިއުޓަ ޖެނެރަލް އޮފީހަށް ފޮނުވައިފަ އެވެ.

ޔުމްނު ވެއްޓުނު ހާދިސާގެ ހަގީގަތް ހޯދަން އުފެއްދި ކޮމިޝަންގެ މެންބަރުންނަކީ މުނައްވަރުގެ އިތުރުން ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އަހުމަދު މުހައްމަދާއި މޫސާ މުރާދާއި ޖަބީން މުހައްމަދާއި އައިމިނަތު އީނާސް އެވެ.

އެ ކޮމިޝަން ރައީސް މުއިއްޒު އުފެއްދެވީ އެޕްރީލް މަހުގެ 27 ގަ އެވެ.