މާލޭގެ ފިހާރައަކުން އެއް ދުވަހެއްގައި ދެ ފަހަރެއްގެ މަތިން ސެންޓްފުޅިތަކެއް ވަގަށް ނެގި މީހަކު ހައްޔަރުކޮށް ބަންދަށް މުއްދަތު ޖަހައިފި އެވެ.
ކްރިމިނަލް ކޯޓުން ބަންދަށް 15 ދުވަސް ޖެހީ ހ. ފެންމަތިގޭ، ހަސަން ޝާން، 44، ގެ މައްޗަށެވެ.
އޭނަ ވައްކަންކޮށްފައި ވަނީ ސޯސަން މަގުގައި ހުންނަ 'ޝޮޕް އެންޑް ސޭވް" އިންނެވެ.
ކޯޓަށް ފުލުހުން ހުށަހެޅި ހާދިސާ ރިޕޯޓުގައިވާ ގޮތުން އެތަނަށް ފުލުހުން ދިޔައީ ހަމަނުޖެހުން ހިންގާ ކަމަށް ބުނެ ކުރި ރިޕޯޓަކާ ގުޅިގެން ކަމަށާއި އެ ސަރަހައްދަށް ފުލުހުން ދިޔައިރު، 'ޝޮޕް އެންޑް ސޭވް' ފިހާރައިގެ ވައްކަންކުރިކަމުގެ ތުހުމަތުގައި ޝާން ހިފަހައްޓާފައި ހުރި ކަމަށެވެ.
އަދި އެ ފިހާރައަށް ވަދެ ފުލުހުން ސުވާލު ކުރުމުން، އޭގެ 20 މިނެޓު ކުރިން ވެސް އޭނަން އެ ފިހާރައަށް ވަދެ ސެންޓު ފުޅިއެއް ވަގަށް ނަގައިގެން ގޮސްފައިވާ ކަމަށާއި އެ މަންޒަރު އެ ފިހާރައިގެ ސީސީޓީވީއަށް އަރާފައި ހުރި ކަމަށް އެ ފިހާރައިން މައުލޫމާތު ދިން ކަމަށް ފުލުހުން ބުނެފައިވެ އެވެ.
އަދި ޝާން ހިފަހައްޓާފައި ހުރީ ދެވަނަ ފަހަރަށް ވައްކަންކޮށް، ސެންޓު ފުޅިއެއް އޭނަގެ ހެލްމެޓު ތެރެއަށް ލައިގެން ނުކުންނަން މަސައްކަތް ކުރަނިކޮށް ކަމަށް ވެސް ފުލުހުންގެ ރިޕޯޓުގައިވެ އެވެ.
އެ މައްސަލައިގައި ޝާން ބަލައި ފާސްކުރިއިރު، އޭނަ ލައިގެން ހުރި ޖިންސުގެ ކަނާތު ޖީބުން ސެންޓު ފުޅިއެއް ފެނިފައިވާ ކަމަށާއި އެ ސެންޓު ފުޅިއާ ގުޅޭ ގޮތުން އަލުން ފިހާރަށް ގޮސް ސުވާލު ކުރުމުން އެއީ އެ ފިހާރައިގެ ޓެސްޓަރު ސެންޓުފުޅި ކަމަށް "ޝޮޕް އެންޑް ސޭވް" އިން ބުނެފައިވާ ކަމަށް ވެސް ފުލުހުންގެ ރިޕޯޓްގައިވެ އެވެ.
ޝާނަކީ މީގެ ކުރިން ވެސް އެކި މައްސަލަތަކުގައި 39 ފަހަރު ހައްޔަރުކޮށް އޭގެ ތެރެއިން 21 ފަހަރު ބަންދުގެ މުއްދަތު ޖަހާފައިވާ މީހެކެވެ.