މި އަހަރުގެ މިސް ވޯލްޑް މުބާރާތް ތައިލޭންޑުން ކާމިޔާބުކޮށްފި އެވެ.
އިންޑިއާގެ ހައިދަރުއާބާދުގެ ހައިޓެކްސް އެގްބިޝަން ސެންޓަރުގައި ރޭ ބޭއްވި 72 ވަނަ މިސް ވޯލްޑް މުބާރާތުގެ ތާޖު ހާސިލުކުރި ތައިލޭންޑްގެ އޯޕަލް ސުޗާތާގެ ބޮލުގައި ތާޖު އަޅުވައި ދިނީ މިދިޔަ އަހަރުގެ މިސް ވޯލްޑް ޗެކް ރިޕަބްލިކްގެ ކްރިސްޓީނާ ޒިކޯވާ އެވެ.
މިއީ ތައިލޭންޑްގެ ރީތީގެ ރާނީއަކަށް މިސް ވޯލްޑް ކާމިޔާބު ކުރެވުނު ފުރަތަމަ ފަހަރެވެ.
މި އަހަރުގެ މިސް ވޯލްޑް މުބާރާތުގެ ދެވަނަ ލިބުނީ އިތިއޯޕިއާގެ ހެސިތު ދެރިގް އަދުމައްސޫއަށެވެ. ތިން ވަނަ އަކީ ޕޮލޭންޑްގެ މާޖާ ކްލާޖްޑާ އެވެ.
މިސް ވޯލްޑް ރީތީގެ ރާނީ ހޮވުމަށް ބާއްވާ އެންމެ ބޮޑު މުބާރާތެކެވެ. މިސް ވޯލްޑް ބާއްވަމުން އަންނަނީ 1951 އިން ފެށިގެންނެވެ.
މި އަހަރަކީ ޖެހިޖެހިގެން މިސް ވޯލްޑް މުބާރާތް އިންޑިއާގައި ބޭއްވި ދެވަނަ ފަހަރެވެ. މިދިޔަ އަހަރު އެ މުބާރާތް ބޭއްވީ މުމްބާއީގަ އެވެ.