Last Updated: June 4, 21:13
Wednesday, June 4, 2025
ޚަބަރު

ސަރުކާރުން އިތުރު ކުންފުންޏެއް އުފައްދައިފި

ގްރޭޓަ މާލެ ފައިނޭންޝަލް ޑިސްޓްރިކްޓް ލިމިޓެޑްގެ ނަމުގައި ކުންފުންޏެއް އުފައްދައިފި އެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެ ކުންފުނި އުފައްދަވާފައި ވަނީ މިއަދު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރެއްވި ނަންބަރު 15/2025، ރައީސުލްޖުމްހޫރިއްޔާގެ ޤަރާރުންނެވެ.

ސަރުކާރުގެ ސައްތައިންސައްތަ ހިއްސާ އެކުލެވިގެންވާ، މި ކުންފުނި އުފެއްދެވުމުގެ މައިގަނޑު މަގުސަދަކީ، ދިވެހި ސަރުކާރުގެ އިޤްތިޞާދީ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކުރުމަށާއި، ޑިޖިޓަލް ފައިނޭންޝަލް ސާވިސަސްއާއި، ޑިޖިޓަލް ރިއަލް އެސްޓޭޓާއި، ފައިނޭންޝަލް ޓޫރިޒަމާއި، ބޭންކިންގގެ ޚިދުމަތްތައް ހިމެނޭ ގޮތުން، މާލީ ޚިދުމަތްތަކުގެ ސިނާއަތު ދިވެހިރާއްޖޭގައި ކުރިއަރުވައި، ބައިނަލްއަގުވާމީ މާލީ ޚިދުމަތްތަކުގެ މަރުކަޒަކަށް ރާއްޖެ ހެދުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުމަށާއި، އެ މަސައްކަތްތަކާ ގުޅޭ އެންމެހައި ކަންކަން ތަންފީޒު ކުރުމެވެ.

ގްރޭޓަ މާލެ ފައިނޭންޝަލް ޑިސްޓްރިކްޓް ލިމިޓެޑް ކުންފުންޏަށް ހުއްދަކޮށްފައިވާ ރައުސުލްމާލަކީ، 10ރ. ގެ 100،000،000 ހިއްސާގެ މައްޗަށް ބަހައިލެވިފައިވާ 1،000،000،000ރ. އެވެ. އަދި އެ ކުންފުންޏަކީ އަމިއްލަ ނަމުގައި ދަޢުވާ ކުރުމާއި، ދަޢުވާ ލިބިގަތުމުގެ ޙައްޤު ލިބިގެންވާ، ވަކި ސިއްކައެއް އޮންނަ، ޤާނޫނީ ގޮތުން އަމިއްލަ ޝަޚްޞެކެވެ.