Last Updated: June 4, 21:13
Wednesday, June 4, 2025
ޚަބަރު

ސަރުކާރުން ވިޔަފާރިތަކާ ދެކޮޅަށް ހަނގުރާމަ އިއުލާންކޮށްފި

ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު - ފޮޓޯ: އެމްޑީޕީ

ސަރުކާރުން ނުކުމެ ވިޔަފާރިތަކާއި ދެކޮޅަށް ހަނގުރާމަ އިއުލާން ކުރުމަކީ ނުރައްކަލެއް ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަމީރު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ނުކުމެ ރާއްޖޭގެ ވިޔަފާރިވެރިންނާ ޖައްސާލުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށާއި މިއަދު ރާއްޖޭގެ އިގްތިސާދީ/މާލީ ސިޔާސަތު ފެއިލްވެ ފާލުން ނެއްޓި، އިގްތިސާދަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލެއް ހޯދައިދިނުމުގެ ގާބިލުކަމެއް މި ސަރުކާރުގައި ނެތުމުން، ސަރުކާރުން ނުކުމެ ވިޔަފާރިތަކާއި ދެކޮޅަށް ހަނގުރާމަ އިއުލާން ކުރުމަކީ ނުރައްކަލެއް ކަމަށެވެ.

"ވިޔަފާރިތަކަށް ސަރުކާރުން ދޭންޖެހޭ އެތައް ބިލިއަން ރުފިޔާ ނުދީ ހިފަހައްޓާ، ވިޔަފާރިތައް ވަނީ ބަނގުރޫޓުކޮށްލާފަ. ލޯނު ލިބުން ވަނީ ދަތިވެފަ. ޑޮލަރު ލިބުން ދަތިވެ ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ދަނީ މަތިވަމުން. ސަރުކާރުގެ ޢަމަލުތަކުން އެނގިގެންދަނީ މި ގޮންޖެހުންތަކަށް ހައްލެއް ހޯދައިދިނުމުގެ ވިސްނުމެއްވެސް ނެތްކަން،" އަމީރު ވިދާޅުވި އެވެ.

އަމީރު ވިދާޅުވީ މިދިޔަ އަހަރުގެ އުފެއްދުންތެރިކަމުގެ ހިސާބުތަކަށް ބަލާއިރު، ސީދާ ސަރުކާރުން އުފެއްދުންތެރިކަމަށް 'ކޮންޓްރިބިއުޓް' ކޮށްފަ ހުރީ 8.6 އިންސައްތަ ކަމަށެވެ. އެހެންކަމުން ގައުމީ އުފެއްދުންތެރިކަމުގެ 91.4 އިން ސައްތަ 'ވެލިއު އެޑް' ކުރަނީ ސީދާ ޕްރައިވެޓް ސެކްޓަރުގެ މަސައްކަތުން ކަމަށާއި ޕްރައިވެޓް ސެކްޓަރުގައި ހަރަކާތްތެރިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ސަރުކާރުން ވަނުމަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ހަލާކުކޮށްލުން ކަމަށް އަމީރު ވިދާޅުވި އެވެ.

ސަރުކާރުގެ ޚަރަދު ކުޑަކުރުމެއް ނެތި، ސިޔާސީ މުވައްޒަފުން ހައްދެއް ނެތި އިތުރުކުރަމުން، ވިޔަފާރިވެރިންނާއި މިގޮތަށް ސަރުކާރުން ޖައްސާލުމަކީ އިގްތިސާދަށް މި ސަރުކާރުން ގަސްތުގައި ދޭ ވަރަށް ބޮޑު ގެއްލުމެއް ކަމަށާއި މިއީ އިޤްތިސާދުގެ އުފެއްދުންތެރިކަން ފަނާކުރަނިވި ކަމެއް ކަމަށްވެސް އަމީރު ވިދާޅުވި އެވެ.