ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރު ނިންމައި ނެގި ޗުއްޓީއަށްފަހު ދެވަނަ ދައުރުގެ ޖަލްސާތައް މާދަމާ ފަށަން ހަމަޖެހިއްޖެ އެވެ.
މާދަމާގެ ޖަލްސާގެ އެޖެންޑާގައި ވަނީ ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ދެ ފަނޑިޔާރުންގެ މަގާމަށް އައްޔަން ކުރަން ރައީސް ފޮނުއްވި ނަންތައް ދިރާސާ ކުރުމުގެ މައްސަލަ ހިމަނައިފަ އެވެ. އެ ނަންތައް ދިރާސާ ކުުރުމަށް ޖުޑީޝަރީ ކޮމިޓީއަށް މާދަމާ ފޮނުވާނެ އެވެ.
ނަމަވެސް ރައީސް ފޮނުއްވި ނަންތަކުގެ ތަފްސީލެއް ލިބިފައެއް ނުވެ އެވެ.
ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ދެ ފަނޑިޔާރުންގެ މަގާމަށް ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމް އަދި ހައިކޯޓުގެ ކުރީގެ ފަނޑީޔާރު އަބްދުﷲ ހަމީދު އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވަން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލަފާ ދޭން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިދިޔަ މަހުގެ ފަހުކޮޅު ވަނީ ނިންމާފަ އެވެ.
ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުންގެ މަގާމު ހުސްވީ އެ މަގާމުގައި ތިއްބެވި ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމުންނެވެ.
ފަނޑިޔާރު ސަލީމް ވަނީ ހައިކޯޓުގެ ލީގަލް އޮފިސަރުގެ މަޤާމު 12 އަހަރު ދުވަހުގެ މުއްދަތަކަށް ފުރުއްވާފަ އެވެ. އަދި ފަނޑިޔާރު ހަމީދު ވަނީ 2007 ޑިސެމްބަރު 09 ވަނަ ދުވަހުން ފެށިގެން، 2022 ޖޫން 6 ވަނަ ދުވަހާއި ހަމައަށް ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމު އަދާކުރައްވާފަ އެވެ.
ގާނޫނު އަސާސީ ބުނާ ގޮތުން ސުޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަންކުރާނީ ޖޭއެސްސީގެ ލަފާގެ މަތިން ރައީސް ރައްޔިތުންގެ މަޖިލީހަށް ނަންތަކެއް ފޮނުއްވުމުން އެ މަޖިލީހުން ފާސްކޮށްގެންނެވެ.