Last Updated: July 18, 16:44
Saturday, July 18, 2026
ޚަބަރު

މައުރަޒާއެކު ރައީސްގެ ތަސައްވުރުގައި ކުލަ ޖެހިއްޖެ

ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތަސައްވުރުގައި ކުލަޖެހިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސައީދު ވިދާޅުވީ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު ރޭ ނިމުމަކަށް އައިސްފައިވާއިރު މިއީ ރައީސް މުއިއްޒުގެ ތަޞައްވުރެއްގައި ކުލަޖެހުން ކަމަށާއި އެގޮތުން މިއަހަރުގެ ރިޔާސީ ބަޔާނުގައިވެސް ރައީސް ވިދާޅުވި ފަދައިން، މިފަދަ ހަރަކާތެއް ހިންގުމުގެ އެންމެ ބޮޑު އަމާޒަކީ، ދިވެހީންގެ އުފެއްފުންތެރިކަން އިތުރުކޮށް، ޤައުމުގެ ކްރިއޭޓިވް އިންޑަސްޓްރީ ބާރުވެރި ކުރުމާއެކު ޤައުމީ އުފެއްދުންތެރިކަމުގެ ތެރޭގައި ކްރިއޭޓިވް އިކޮނޮމީގެ ޙިއްސާ އިތުރުކުރުން ކަމަށެވެ.

މި މައުރަޒު ކުރިއަށް ގެންދެވުނީ އެމަޤުޞަދު ޙާޞިލް ކުރުމުގެ އަމާޒަށް ކަމަށާއި އެހެންކަމުން އުފެއްދުންތެރިކަމުގެ މައުރަޒުގެ އިތުރަށް، ކްރިއޭޓިވް އިކޮނޮމީ ޑިސްޓްރިކްޓަކާއި، ޑިޖިޓަލް ޑިސްޓްރިކްޓެއް އަދި މާކެޓްޕްލޭސް ޑިސްޓްރިކްޓް ނަމުގައި ކާމިޔާބު ހަރަކާތްތަކެއް ހިންގިފައިވާ ކަމަށް ސައީދު ވިދާޅުވި އެވެ.

މީގެ އިތުރަށް ކުޅިވަރާއި، މުނިފޫހި ފިލުވުމުގެ ގިނަ ހަރަކާތްތަކެއް އެންޓަޓައިންމެންޓް ޑިސްޓްރިކްޓްގައި ކުރިއަށް ގެންދެވުނު އިރު، ކުޑަކުދީންނާއި އާއިލާތަކަށް ޚާއްޞަ އެތައް ހަރަކާތެއް ކުރިއަށް ގެންދެވުނުކަން ސައީދު ފާހަގަކުރި އެވެ.

"މި މަޢުރަޒުގެ ކާމިޔާބީގެ އެންމެ ބޮޑު ސިއްރަކީ، ދިވެހި ފަންނުވެރީންނާއި އުފެއްދުންތެރީން. ހީވާގި މަސައްކަތްތެރީން. މަޢުރަޒުގައި އެކި އުފެއްދުމާއި ހުނަރު ބައިވެރިކުރެއްވި ހުރިހާ ފަރާތްތަކަށް ވަކީން ޚާއްޞަ ޝުކުރެއް ދަންނަވަން،" ސައީދު ވިދާޅުވި އެވެ.

މި މަޢުރަޒުގައި ހދ އަތޮޅުން ފެށިގެން ލ އަތޮޅާއި ހަމައަށް ގިނަ ރަށްތަކަކުން ބައިވެރިވެފައިވެ އެވެ. މަޢުރަޒުގައި އެންމެ ގިނަ ތަކެތި ބައިވެރިކޮށްފައިވަނީ މާލެއާއި ބ.ތުޅާދޫ އިންނެވެ. މަޢުރަޒުގައި 3600އަށްވުރެ ގިނަ ތަކެތި ބައިވެރި ކުރުމަށް އެޕްލިކޭޝަން ފޯމް ފުރާފައިވެ އެވެ.

މިހާތަނަށް ރާއްޖޭގައި ބޭއްވި އުފެއްދުންތެރިކަމުގެ އެންމެ ބޮޑު މި މަޢުރަޒު، އިންތިޒާމްކޮށް ކުރިއަށް ގެންގޮސްފައިވަނީ، އިކޮނޮމިކް މިނިސްޓްރީ އާއި ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) ގުޅިގެންނެވެ.