Last Updated: June 4, 21:13
Wednesday, June 4, 2025
ޚަބަރު

ސަލާމަތީ ކަންކަން ބަލަހައްޓަން ފުލުހުން ފަށައިފި

މުޅި މާލެ ސަރަހައްދުން ކަރަންޓުގެ ހިދުމަތް ކެނޑުނު މައްސަލައާ ގުޅިގެން މާލެ ސަރަހައްދުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.

އެކްސްގައި ކުރި ޕޯސްޓެއްގައި ފުލުހުން ބުނީ މާލެ ސަރަހައްދުގެ ކަރަންޓަށް ދިމާވެފައިވާ މައްސަލައާ ގުޅިގެން، ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ހާއްސަ މަސައްކަތްތަކެއް ފަށާފައިވާ ކަމަށެވެ.

މި މަސައްކަތްތައް، ކަރަންޓަށް ދިމާވެފައިވާ މައްސަލަ އެއްކޮށް ހައްލު ކުރެވި އާންމު ހާލަތަށް ގެނެވެންދެން ކުރިއަށްދާނެ ކަމަށް ފުލުހުން ބުނެ އެވެ.

މުޅި މާލެ ސަރަހައްދުން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވަނީ މިއަދު މެންދުރު ކަމަށްވާއިރު، އިރުއޮއްސި 18:13ހާއިރު މުޅި މާލެއަށް ވަނީ އަލުން ކަރަންޓް ދީފަ އެވެ.

ސްޓެލްކޯ އިން ބުނީ ކަރަންޓު ކެނޑުނީ ހުރިހާ ޖެނެރޭޓަރެއް ނިވިގެން ކަމަށެވެ.

މާލެ ސަރަހައްދުން ކަރަންޓް ކެނޑުނު މައްސަލަ ސީރިއަސް މައްސަލައެެއްގެ ގޮތުގައި ބަލަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އަންގަވާފަ އެވެ. އަދި އެ މައްސަލަ ތަހުގީގު ކުރަން ފުލުހުން މިހާރު ވަނީ ފަށައިފަ އެވެ.

މާލެ ސަރަހައްދުން ކަރަންޓް ކެނޑުމާ ގުޅިގެން ވަރަށް ގިނަ ހިދުމަތްތަކެއް ވެސް ވަނީ ހުއްޓުމަކަށް އައިސްފަ އެވެ.