ފަލަސްތީނުގެ ގާޒާގައި އެހީގެ ސާމާނު ބަހާ ތަނަކަށް ކާނާ ހޯދަން ގޮސް ތިބި ބަޔަކަށް އަމާޒުކޮށް އިޒްރޭލުން ދިން ހަމަލާއެއްގައި 32 މީހަކު ޝަހީދުވެއްޖެ އެވެ.
ގާޒާގައި ހުންނަ ސަރުކާރުގެ މީޑިއާ އޮފީހުން ބުނީ މީގެތެރެއިން 31 މީހަކު ޝަހީދުވެފައިވަނީ އިޒްރޭލުގެ ޓޭންކަރުތަކުން ގާޒާގެ ރަފަހް ސިޓީގައި ކާނާ ބެހުމުގެ ކަންކަން ކުރިއަށްގެންދިޔަ ތަނަކަށް އަމާޒުކޮށް ދިން ހަމަލާއެއްގައި ކަމަށެވެ. އަނެއް މީހާ ޝަހީދުވެފައިވަނީ ނެތްޒަރިމް ކޮރިޑޯގައި ކާނާ ބަހާ ތަނަކަށް އިޒްރޭލުން ދިން ބަޑީގެ ހަމަލާއެއްގައި ކަމަށް އެ އޮފީހުން ބުނެ އެވެ.
މި ހަމަލާތަކުގައި 200 އަށް ވުރެ ގިނަ މީހުންނަށް އެކިވަރުގެ އަނިޔާތައް ވަނީ ލިބިފަ އެވެ.
މި ހަމަލާތަކާ ގުޅޭގޮތުން އިޒްރޭލުން ނެރުނު ބަޔާނެއްގައި ވަނީ އާންމުންނަށް އަމާޒުކޮށް ބަޑީގެ ހަމަލާތަކެއް ދީފައި ނުވާ ކަމަށާއި ފަތުރަނީ ދޮގު ވާހަކަތަކެއް ކަމަށް ބުނެފަ އެވެ.
ގާޒާގައި އެހީގެ ސާމާނު ބެހުމުގެ ކަންކަން ކުރިއަށް ގެންދަނީ އެމެރިކާ އާއި އިޒްރޭލަށް ވާގިވެރިވާ ގާޒާ ހިއުމަނިޓޭރިއަން ފައުންޑޭޝަން ނަމަކަށް ކިޔާ ގްރޫޕެއް މެދުވެރިކޮށެވެ. މި ގްރޫޕް އުފައްދާފައިވަ މަގުސަދާއި މެދު އ.ދ އާއި އެހެނިހެން އެހީގެ ގްރޫޕްތަކުން ސުވާލުތައް އުފައްދައި، އެ ގްރޫޕަށް އެއްބާރުލުން ދޭން ވަނީ ދެކޮޅު ހަދައިފަ އެވެ.
އެގޮތުން އ.ދ އިން ވަނީ އެހީ ބެހުމުގެ މަރުކަޒުތަކަކީ ގާޒާގެ ރައްޔިތުންނަށް އޮތް "މަރުގެ މަޅިތަކެއް" ފަދައިން ސިފަކޮށްފަ އެވެ.
އިޒްރޭލުން މީގެކުރިން ވެސް އެތައް ފަހަރެއްގެ މަތިން ވަނީ ގާޒާގައި އެހީގެ ސާމާނު ބަހާ ތަންތަނަށް އަމާޒުކޮށް ބަޑީގެ ހަމަލާތައް ދީފަ އެވެ.