Last Updated: June 4, 21:13
Wednesday, June 4, 2025
ޚަބަރު

އަންހެނުންގެ 100 މިލިއަން ރުފިޔާގެ ލޯނަށް ހުޅުވާލަނީ

އަންހެނުން ބާރުވެރިކުރުވައި ކުރިއެރުވުމުގެ ބޭނުމުގައި، އެމީހުންނަށް ހާއްސަކޮށްގެން ދޫކުރާ 100 މިލިއަން ރުފިޔާގެ ލޯން ސްކީމަށް ކުރިމަތިލުމުގެ ދެވަނަ ފިޔަވަހި މިމަހު 15ގައި ހުޅުވާލާނެ ކަމަށް އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑް (އެސްޑީއެފްސީ)އިން ބުނެފި އެވެ.

އެސްޑީއެފްސީން ބުނީ، "ފަށާ މަދަދު" ލޯން ސްކީމްގެ 25 ޕަސެންޓް ހާއްސަކޮށްފައި ވަނީ ޙާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށެވެ.

ފަށާ މަދަދު ލޯނުން ފައިނޭންސް ކޮށްދިނުމަށް ހަމަޖެހިފައިވަނީ، އަންހެން ވިޔަފާރިވެރިންގެ ތެރެއިން އާމްދަނީ ކަށަވަރު ނުވުމުގެ ސަބަބުން ކޮންވެންޝަނަލް ބޭންކުތަކުން ހިދުމަތްލިބިދިނުމުގައި ދަތިތައް ދިމާވާ ފަރާތްތަކަށެވެ.

މި ސްކީމުގެ ދަށުން ހަ އިންސައްތަ އިންޓްރެސްޓް ރޭޓުގައި އަލަށް ވިޔަފާރި ފަށާ ފަރާތްތަކަށް 500،000 ރުފިޔާއާ ހަމައަށް މާލީ އެހީތެރިކަން ފޯރުކޮށްދޭނެއެވެ. މި ލޯނަށް އަނބުރާ ފައިސާ ދެއްކުމަށް 12 މަސް ދުވެހުގެ ގްރޭސް ޕީރިއަޑެއް ލިބެއެވެ. އަދި ހަތް އަހަރު ދުވަހަަށް ބަހާލައިގެން އަނބުރާ ފައިސާ ދެއްކޭނެ ގޮތް އެސްޑީއެފްސީން ވަނީ ހަމަޖައްސާފަ އެވެ.

މި ލޯނު އެންމެ ފުރަތަމަ ފަހަރަށް ދޫކޮށްފައި ވަނީ މިދިޔަ އަހަރުގެ މާރިޗު މަހު އެވެ. އެ ފަހަރު 60 މީހަކަށް ލޯނު ދިން ކަމަށް އެސްޑީއެފްސީން ބުންޏެވެ.