Last Updated: June 15, 18:01
Sunday, June 15, 2025
މުނިފޫހިފިލުވުން

ރޯހިތުގެ ބިރުވެރި ފިލްމެއް، ބަތަލާ އަކީ ނުޝްރަތު

މާސް އެންޓަޓައިނާތައް ގެނެސްދޭން މަޝްހޫރު ބޮލީވުޑްގެ ޑައިރެކްޓަރު ރޯހިތު ޝެޓީ ބިރުވެރި ފިލްމެއް ޕްރޮޑިއުސްކުރަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނީ މި ފިލްމު ޑައިރެކްޓްކުރާނީ އީޝްވަރު ނިވާސް އީ ނިވާސް ކަމަށެވެ. އޭނަ އަކީ "ޝޫލް" އާއި "ލަވް ކޭ ލިޔޭ ކުޗް ބީ ކަރޭގާ" އާއި "ދަމް' ފަދަ ފިލްމުތައް ގެނެސްދިން ޑައިރެކްޓަރެވެ.

މީޑިއާތަކުން ބުނި ގޮތުގައި ރޯހިތާއި އީ ނިވާސް ގުޅިގެން ހަދަން ނިންމާފައިވާ ބިރުވެރި ފިލްމުގެ ބަތަލާ އަކީ ނުޝްރަތު ބަރޫޗާ ކަމަށާއި މި ފިލްމު ވަރަށް އަވަހަށް ރަސްމީކޮށް އިއުލާން ކުރާނެ ކަމަށެވެ. ނުޝްރަތަކީ ވެސް ކުރިން ބިރުވެރި ދެ ފިލްމެއް ކުޅެފައިވެ އެވެ. އެއީ 2021 ގެ "ޗޯރީ" އާއި މިދިޔަ އެޕްރީލްގައި އެމެޒޯން ޕްރައިމް ވީޑިއޯ އިން ގެނެސްދިން އޭގެ ސީކްއެލް "ޗޯރީ 2" އެވެ.

އެ ދެ ފިލްމުގެ ޑައިރެކްޓަރަކީ މި މަހުގެ 27 އަށް ތާވަލުކޮށްފައި އޮތް މަޝްހޫރު ބަތަލާ ކާޖޮލްގެ ފުރަތަމަ ބިރުވެރި "މާ" ގެ ޑައިރެކްޓަރު ވިޝާލް ފޫރިއާ އެވެ.

ރޯހިތު އަލަށް ބިރުވެރި ފިލްމަކަށް މަސައްކަތް ކުރަމުން އަންނަ އިރު، އޭނަ ކުރިން ވަރަށް ކާމިޔާބު ހޮރޯ-ކޮމެޑީއެއް ގެނެސްދީފައިވެ އެވެ. އެއީ "ގޯލްމާލް" ފްރެންޗައިޒްގެ ހަތަރު ވަނަ ފިލްމު 2018 ގެ "ގޯލްމާލް އެގެއިން" އެވެ.

ރޯހިތު ޑައިރެކްޓްކޮށް އެންމެ ފަހުން ގެނެސްދިން ފިލްމަކީ އޭނަގެ ކޮޕް ޔުނިވާސް އަށް ނިސްބަތްވާ އަޖޭ ދޭވްގަންގެ މިދިޔަ އަހަރު "ސިންގަމް އެގެއިން" އެވެ.