Last Updated: June 15, 18:01
Sunday, June 15, 2025
ޚަބަރު

ހަމީދާއި ސަލީމްގެ ނަން ދިރާސާ ކުރަން ކޮމިޓީ އަށް

ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ދެ ފަނޑިޔާރުންގެ މަގާމަށް އައްޔަން ކުރުމަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ދެ ނަން ދިރާސާކުރުމަށް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވައިފި އެވެ.

ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލުމުން ކުރިމަތިލެއްވި 12 ބޭފުޅުންނާއި އިންޓަވިއު ކުރުމަށް ފަހު ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ރައިސަށް ލަފާއަރުވާފައިވަނީ ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމާއި ކުރީގެ ފަނޑިޔާރު އަބްދުﷲ ހަމީދު އެ މަގާމަށް އައްޔަން ކުރުމަށެވެ.

އެ ބޭފުޅުންގެ ނަންތައް މިއަދުގެ ޖަލްސާގައި އިއުލާންކުރުމަށް ފަހު ރިޔާސަތުން ވަނީ އެ މައްސަލަ ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވައިފަ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލާން ހުޅުވައިލީ އެ ކޯޓުގެ ފަނޑިޔާރުކަމުން މަހާޒު އަލީ ޒާހިރާއި، ޑރ. އަޒްމިރަލްދާ ޒާހިރު މަގާމުން ވަކިކުރުމާ ގުޅިގެންނެވެ.