ހުކުރު ދުވަހުގެ ހުކުރު ވަގުތު އެއާޕޯތްގައި ފްލައިޓް އޮޕަރޭޝަންތައް ނުބާއްވަން މައްޗަންގޮޅި އުތުރު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހިމް މުހައްމަދު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި އޭނަ ވިދާޅުވ ހުކުރު ގަޑީގައި ފްލައިޓްތައް ބޭއްވުމުގެ ސަބަބުން ރާއްޖޭގެ މައި އެއާޕޯޓް ކަމަށްވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ 2،000 އަށް ވުރެ ގިނަ މުވައްޒަފުންނަށް ހުކުރު ނަމާދު ގެއްލޭ ކަމަށެވެ.
އެހެންވެ އެކަން ނިމުމަކަށް ގެންނަން ގާނޫނަށް އިސްލާހު ގެންނަން ޖެހޭ ކަމަށް ވިދާޅުވި އެވެ.
އިބްރާހިމް އެގޮތަށް ގޮވާލެއްވީ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.
އޭނަ ވިދާޅުވި ގޮތުގައި،2009 ގައި އޭރުގެ ސަރުކާރުން ގެނައި ބަދަލާ ގުޅިގެން 31 ޑިޕާޓްމަންޓެއްގެ 2،781 މުވައްޒަފަކަށް ހުކުރު ނަމާދު ނުކުރެވޭ ހާލަތުގައި ތިބެން ޖެހިފައިވާ ކަމަށެވެ.
އިބްރާހީމް ވިދާޅުވީ ރާއްޖެއަކީ އިސްލާމީ ޤައުމަކަށް ވެފައި، ހުކުރު ދުވަހަކީ މުސްލިމުންގެ އީދު ދުވަހެއް ކަމަށާއި، ހުކުރު ނަމާދަކީ މުސްލިމުންނަށް ވަރަށް މުހިންމު އަޅުކަމެއް ކަމަށެވެ.
"އެހެންވީމާ ކުރީގައި މި ދެންނެވި ލާދީނީ ސަރުކާރުގެ ފަރާތުން މި ބަދަލުކޮށްފައި އޮތް އޮތުން ހުކުރު ގަޑީގެ ހުރުމަތްތެރިކަން ގެއްލޭ ގޮތަށް މަތިންދާބޯޓު ޖައްސާ ގޮތަށް އޮތް އޮތުން ކުރީގައި އޮތް ގޮތަށް އަލުން އިއާދަވާނެ ގޮތަށް މި ގާނޫނަށް އިސްލާހެއް ހުށަހެޅިގެން ދިޔުމަކީ އަޅުގަނޑުމެން ހުރިހާ ދިވެހިރައްޔިތުން ވަރަށް އެދޭނެ ކަމެއް ކަމުގައި ހަނދާންކޮށްލަދެން." އޭނަ ވިދާޅުވިއެވެ.