Last Updated: June 5, 19:06
Thursday, June 5, 2025
ޚަބަރު

އޮސްޓްރޭލިއާ އިން ޕެޓްރޯލިން އުޅަނދެއް ހަދިޔާ ކުރަނީ

އޮސްޓްރޭލިއާ އިން އަށް ރާއްޖެ ޕެޓްރޯލިން އުޅަނދެއް ހަދިޔާކުރަން ނިންމައިފި އެވެ.

ޑިފެންސް މިނިސްޓްރީން މިކަން ހާމަކުރީ ޑިފެންސް މިނިސްޓަރުގެ މަގާމުގައި ހުންނެވި އަދި އެ ގައުމުގެ ބޮޑުވަޒީރުގެ ނައިބުގެ މަގާމު ވެސް ފުރުއްވަމުން ގެންދަވާ ރިޗަޑް މާލްސް ރާއްޖެ އަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރާ ގުޅޭ ގޮތުން މިއަދު ނެރުނު ބަޔާނެއްގަ އެވެ.

ރިޗަޑް މިއަދު ވަނީ ޑިފެންސް މިނިސްޓަރު ގައްސާން މައުމޫނާ މިނިސްޓްރީގައި ބައްދަލު ވެސް ކުރައްވައިފަ އެވެ. އޭނަ ރާއްޖެ ވަޑައިގަތީ ރޭގަ އެވެ.

މިނިސްޓްރީން ބުނީ އޮސްޓްރޭލިއާ އިން ހަދިޔާކުރީ ޕެޓްރޯލިން އުޅަނދު މިހާރު އޮތީ އެ ގައުމުގައި ބަނުމުގެ މަރުހަލާގައި ކަމަށާއި އެ އުޅަނދުގެ މަސައްކަތް ނިމޭނީ އަންނަ އަހަރު ކަމަށެވެ. ގާޑިއަން-ކްލާސް ޕެޓްރޯލިން އުޅަނދަކީ ރާއްޖޭގެ ކަނޑު ސަރަހައްދު ބެލެހެއްޓުމަށް ބޭނުންވާނެ ގިނަ ވަސީލްތަކެއް އެކުލެވޭނެ އެއްޗެއް ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

އެ އުޅަނދުގެ އިތުރުން ރާއްޖެ އަށް މަލްޓި-ބިމް އިކޯ ސައުންޑާއެއް ވެސް ހަދިޔާކުރަން އޮސްޓްރޭލިއާ އިން ނިންމާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.