Last Updated: June 5, 19:06
Thursday, June 5, 2025
މުނިފޫހިފިލުވުން

ކާތިކާއި އަނަންޔާގެ ދެވަނަ ފިލްމަށް ތާރީހެއް

ދާދި ފަހުން ކްރޮއޭޝިއާގައި ޝޫޓިން ފަށައި، ޔޫރަޕްގެ ޝެޑިއުލް ނިންމައިލި ކާތިކް އާރިއަންގެ އާ ރޮމޭންޓިކް ކޮމެޑީ "ތޫ މޭރީ މޭ ތޭރާ، މޭ ތޭރާ ތޫ މެރީ" ގެ ބަތަލާ އަކީ އަނަންޔާ ޕާންޑޭކަން ކަށަވަރުކޮށް ދީފި އެވެ.

މި ފިލްމު އުފައްދާ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން މިއަދު ވަނީ ކާތިކާއި އަނަންޔާ އެކީގައި ފެންނަ ފޮޓޯއެއް ސޯޝަލް މީޑިއާގައި ޕޯސްޓްކޮށް، ފިލްމުގައި ދެ ތަރިން ކުޅޭ ކެރެކްޓާގެ ނަން ވެސް ހިއްސާކޮށްފަ އެވެެ. ކާތިކްގެ ކެރެކްޓާގެ ނަމަކީ ރޭ އެވެ. އަނަންޔާ އަކީ ރޫމީ އެވެ.

"ތޫ މޭރީ މޭ ތޭރާ، މޭ ތޭރާ ތޫ މެރީ" އަކީ މި ދެ ތަރިން އެކީގައި ކުޅޭ ދެވަނަ ފިލްމެވެ. ފުރަތަމަ ފިލްމަކީ 2019 ގެ "ޕަތީ، ޕަތުނީ އޯރް" އެވެ. އެ ފިލްމުގެ މަސައްކަތްކުރި ދުވަސްވަރު ކާތިކާއި އަނަންޔާ ރައްޓެހިވިކަމުގެ އަޑުތަކެއް ވެސް ވަރަށް ގަދައަށް އެރި އެވެ.

އަންނަ އަހަރުގެ ފެބްރުއަރީ 13 ގައި ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައިވާ "ތޫ މޭރީ މޭ ތޭރާ، މޭ ތޭރާ ތޫ މެރީ" ގެ ޑައިރެކްޓަރަކީ ކާތިކާއި ކިއާރާ އަދުވާނީގެ 2023 ގެ "ސަތިއަޕްރޭމް ކީ ކާތާ" ގެނެސްދިން ސަމީރު ވިދުވަންސް އެވެ.

ކާތިކްގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ "ބޫލް ބުލައްޔާ 3" އެވެ. އޭނަ ދެން އެންމެ އަވަހަށް ފެންނަނީ ސްރީލީލާ ބަތަލާގެ ރޯލު ކުޅެފައިވާ ޑައިރެކްޓަރު އަނޫރާގް ބާސޫގެ އަސަރު ގަދަ ލޯބީގެ ފިލްމުންނެވެ. ޝޫޓިން ނިންމާލައި ޕޯސްޓް-ޕްރޮޑަކްޝަން މަރުހަލާގައި މިހާރު އޮޮތް އެ ފިލްމުގެ ނަން އަދިވެސް ހާމަކޮށްފައި ނުވާ އިރު، ބެލުންތެރިންނަށް ފިލްމު ގެނެސްދޭނީ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ.

އަނަންޔާގެ އެންމެ ފަހުގެ ފިލްމަކީ އެޕްރީލްގައި ގެނެސްދިން "ކޭސަރީ: ޗެޕްޓާ 2" އެވެ. އޭނަގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ޗާންދު މޭރާ ދިލް" ހިމެނެ އެވެ.