ވިލިމާލެ ޕޮލިސްގެ ކުޅިވަރު ވަސީލަތްތައް ތަރައްގީ ކުރުމަށްޓަކައި ވެމްކޯއާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގެ ދަށުން ވިލިމާލެ ޕޮލިސްގައި ގާއިމުކުރެވޭ ކުޅިވަރު ވަސީލަތްތަކަކީ ދެ ފަރާތުން ބޭނުންކުރެވޭ ގޮތަށް ތަރައްގީކުރެވޭ ވަސީލަތްތަކެކެވެ.
އެއްބަސްވުމުގައި ސޮއިކިރަން އިއްޔެ އިސްކަންދަރު ކޮށީގައި ބޭއްވި ރަސްމިއްޔާތުގައި ފުލުހުންގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ ކޮމިޝަނަރު އިސްމާޢީލް ނަވީނެވެ. ވެމްކޯގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު މުޖްތަބާ ޖަލީލެވެ.
މި އެއްބަސްވުގެ ދަށުން ކުރެވޭ މަސައްކަތްތަކަކީ ވިލިމާލޭގައި ކުޅިވަރުގެ ވަސީލަތްތައް އިތުރަށް ތަރައްގީކޮށް، ދުޅަހެޔޮ ދިރިއުޅުމަކަށް މަގުފަހިކޮށްދީ ހަށީހެޔޮ ސިއްހަތެއްގައި ތިބެ، ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމަށް އިތުރު ބާރެއް ލިބިގެން ދާނެ މުހިންމު މަސައްކަތެއް ކަމަށް ފުލުހުން ބުންޏެވެ.
މީގެ އިތުރުން، މި މަސައްކަތުގެ ސަބަބުން ދެ މުއައްސަސާގެ ގުޅުމާއި ވިލިމާލޭގެ އިޖްތިމާއީ ގުޅުން ބަދަހިވެގެން ދާނެ އެވެ.
އެއްބަސްވުމުގެ ދަށުން ވިލިމާލޭ ޕޮލިސްގެ ފުޓްސަލް ދަނޑާއި ވޮލީ ކޯޓު އިތުރަށް ތަރައްގީކޮށް އިތުރު ކުޅިވަރު ވަސީލަތްތައް ގާއިމު ކުރާނެ އެވެ.