Last Updated: June 6, 11:16
Friday, June 6, 2025
ރިޕޯޓް

ޙައްޖުގެ ދުނިޔަވީ އަދި އުޚްރަވީ ފައިދާ!

ޙައްޖަކީ އިސްލާމްކަމުގެ މަތިވެރި ބިނާގެ ފަސް ރުކުނުގެ ތެރެއިން ރުކުނެކެވެ. ޙައްޖަކީ އީމާންކަމުގެ ބޮޑުވެގެންވާ ތަރުބަވީ މަދަރުސާއެކެވެ. ޢަޤީދާ އާއި ޢިބާދާތާއި، އަޚްލާޤާއި ސުލޫކުގެ ދަރުސްތައް އުނގަންނައިދޭ މަދަރުސާއެކެވެ.

ނަބިއްޔާ ހިޖްރައިން 10 ވަނަ އަހަރު މީސްތަކުންނާއިގެން ޙައްޖުގެ އަޅުކަން އަދާކުރެއްވި އެވެ. މިޙައްޖަތުލް ވަދާޢުގައި އެކަލޭގެފާނުގެ އަރިހުން ޙައްޖުގެ މަނާސިކުތައް އަދާކުރާނެ ގޮތުގެ ނަމޫނާ ނެންގެވުމަށް އަންގަވަމުން، ޢަމަލީގޮ ތުން މަނާސިކުތައް ފުރިހަމަ ކުރާނެ ގޮތުގެ ނަމޫނާ ދެއްކެވި އެވެ. އިސްލާމް ދީން ފުރިހަމަވެއްޖެ ކަމުގެ އިޢުލާން ﷲ ތަޢާލާ ކުރެއްވީ އެ ޙައްޖުގައި އެކަލޭގެފާނު ޢަރަފާތް ބިމުގައި ހުންނަވަނިކޮށެވެ.

މުސްލިމު ކުޑަކުއްޖަކު ބޮޑުވެގެން އަންނަ ހިނދު އޭނާ އަށް ދީނުން އަޑުއިވިގެންދާ ފުރަތަމަ ފިލާވަޅަކީ އިސްލާމްކަމުގެ ރުކުންތަކުގެ ފިލާވަޅެވެ. އޭގެ ތެރޭގައި ކުޅަދާނަކަން ލިބިގެންވާ މީހާ ގެފުޅަށް ގޮސް ޙައްޖުވުމުގެ ވާހަކަ އަޑުއިވެ އެވެ. ހަމަ އެގޮތަށް އިސްލާމް ދީނަށް ވަންނަ ޣައިރު މުސްލިމުންނަށް ވެސް އެންމެ ފުރަތަމަ ކިޔައިދެވޭ ފިލާވަޅަކީ އިސްލާމްކަމުގެ ރުކުންތަކުގެ ފިލާވަޅެވެ. އަދި އެންމެހައި މުސްލިމުން ކޮންމެ ދުވަހަކު ފަރުޟު ފަސް ނަމާދު އަދާކުރާ ހިނދު ޤިބްލައެއްގެ ގޮތުގައި ގެފުޅަށް ކުރިމަތިލަ އެވެ. އަދި ދުޢާކުރާ ހިނދު ވެސް ގެފުޅަށް ކުރިމަތިލަ އެވެ.

މިހެންވުމުން ކަޢުބަތުﷲ ގެފުޅާއިމެދު މުސްލިމުންގެ ހިތުގައި އޮންނަ ޝައުޤު ބޮޑުވެގެންދެ އެވެ. މައްކާ އަށް ގޮސް ހަމަލޮލުން ގެފުޅަށް ބަލާލައި ޙައްޖާއި ޢުމްރާގެ އަޅުކަން އަދާކުރުމަށް ބޭނުންވެ އެވެ.

ޙައްޖުގެ މަތިވެރި އަޅުކަމަކީ ދީނީ އަދި ދުނިޔަވީ ގިނަގުނަ މަންފާތަކެއް ލިއްބައިދޭ އަޅުކަމެކެވެ. ޙައްޖަކީ އޭގެ ސަބަބުން އަޅާގެ އިސްވެގޮސްފައިވާ ފާފަތައް ފޮހެދޭ އަޅުކަމެކެވެ. ޙައްޖުން އެނބުރި އަންނަ މީހަކީ އޭނާގެ މަންމަގެ ބަނޑުން އުފަންވި ދުވަހު، ފާފަތަކުން ތޯހިރުވެގެންވާ ޙާލުގައި ދުނިޔެއަށް އުފަންވި ފަދައިން ތޯހިރުކަންމަތީ އެނބުރި އަންނަ މީހެކެވެ. އަދި މަބްރޫރު ޙައްޖެއް ކޮށްފި މީހަކަށް ސުވަރުގެ ނޫން އެހެން ޖަޒާއެއް ނުވެ އެވެ. ޙައްޖާއި ޢުމްރާގެ އަޅުކަން، އެއްބުރަށް ފަހު އަނެއް ބުރަށް އަދާކުރުމަކީ ފަޤީރުކަމާއި ފާފަތައް ނައްތާލާނެ ކަމެކެވެ. އަދި ޢަރަފާތް ދުވަހު ﷲ ތަޢާލާ މަލާއިކަތްބޭކަލުން ހެކިކުރައްވައި ޙައްޖުވެރިންގެ ފާފަތައް ފުއްސަވައިދެއްވައިފިކަމުގެ އިޢުލާން ކުރައްވާނެ އެވެ.

ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ: ﴿وَأَذِّن فِي النَّاسِ بِالْحَجِّ يَأْتُوكَ رِجَالًا وَعَلَىٰ كُلِّ ضَامِرٍ يَأْتِينَ مِن كُلِّ فَجٍّ عَمِيقٍ ‎﴿٢٧﴾‏ لِّيَشْهَدُوا مَنَافِعَ لَهُمْ وَيَذْكُرُوا اسْمَ اللَّهِ فِي أَيَّامٍ مَّعْلُومَاتٍ عَلَىٰ مَا رَزَقَهُم مِّن بَهِيمَةِ الْأَنْعَامِ فَكُلُوا مِنْهَا وَأَطْعِمُوا الْبَائِسَ الْفَقِيرَ ‎﴿٢٨﴾ [الحج: 27-28]

މާނައީ: "އަދި ކަލޭގެފާނު މީސްތަކުންނަށް ޙައްޖަށް އައުމަށް ގޮވައިލައްވާށެވެ! އޭރުން ފައިމަގުގައްޔާއި، އަނަރޫފަ ޖަމަލު މަތީގައި، ދުރުތަންތަނުން އެއުރެން ކަލޭގެފާނުގެ އަރިހަށް އަންނާނެތެވެ. އެއީ އެއުރެންނަށްހުރި (ދީނީ އަދި ދުންޔަވީ) މަންފާތަކެއް ލިބިގަތުމަށްޓަކައެވެ. އަދި ކަނޑައެޅި އެނގިގެންވާ ދުވަސްތަކެއްގައި، އެއުރެން اللَّه ގެ އިސްމުފުޅު ހަނދުމަކޮށް އުޅުމަށެވެ. ނަޢަމްސޫފީގެ ނިޢުމަތް އެއުރެންނަށް ދެއްވިކަމަށްޓަކައެވެ. ފަހެ، ތިޔަބައިމީހުން އެއިން ކައިއުޅޭށެވެ! އަދި ދަތި ޙާލުގައިވާ ފަޤީރުންނަށް (އެއިން) ކާން ދޭށެވެ!"

ޢަބްދުﷲ ބުން ޢައްބާސްގެފާނު ވިދާޅުވެފައިވެއެވެ: "ދުނިޔަވީ މަންފާތަކާއި އުޚްރަވީ މަންފާތެކެވެ. ފަހެ އުޚްރަވީ މަންފާއަކީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބުމެވެ. ދުނިޔަވީ މަންފާތަކަކީ ޙައްޖުވެރިންނަށް ލިބިގެންދާ ނަޢަމްސޫފީގެ މަހާއި، ވިޔަފާރީގެ ފައިދާތަކެވެ.
ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ:

﴿ لَكُمْ فِيهَا مَنَافِعُ إِلَىٰ أَجَلٍ مُّسَمًّى ثُمَّ مَحِلُّهَا إِلَى الْبَيْتِ الْعَتِيقِ﴾ [الحج: 33]

މާނައީ: "ކަނޑައެޅިގެންވާ ވަގުތަކާޖެހެންދެން، ތިޔަބައިމީހުންނަށް އެތަކެތީގައި (އެބަހީ: ހަދުޔުގެ ގޮތުން ކަތިލެވޭ ތަކެތީގައި) މަންފާތަކެއްވެއެވެ. ދެން އެއަށްފަހު، އެތަކެތި ކަތިލުމުގެ މަޙައްލަކީ، ޒަމާންވީ ގެފުޅުއަރިހެވެ. (އެބަހީ: މައްކާގެ ޙަރަމްފުޅެވެ.)"

އަދިވެސް ޢަބްދުﷲ ބުން ޢައްބާސްގެފާނު ވިދާޅުވެފައިވެ އެވެ: "ޙައްޖުވެރިން ޙައްޖު މޫސުމުގައި ވިޔަފާރީގެ ކަންކަމާއި މަޝްޣޫލުވުމުން މަނާވެގަންނަމުން ދިޔައެވެ. އެބައިމީހުން ބުނެއެވެ. މިއީ ﷲ ގެ ޛިކުރުކުރުމުގެ ދުވަސްތަކެވެ. އެހިނދު ﷲ ތަޢާލާ މިއާޔަތް ބާވައިލެއްވިއެވެ"

﴿لَيْسَ عَلَيْكُمْ جُنَاحٌ أَن تَبْتَغُوا فَضْلًا مِّن رَّبِّكُمْ فَإِذَا أَفَضْتُم مِّنْ عَرَفَاتٍ فَاذْكُرُوا اللَّهَ عِندَ الْمَشْعَرِ الْحَرَامِ وَاذْكُرُوهُ كَمَا هَدَاكُمْ وَإِن كُنتُم مِّن قَبْلِهِ لَمِنَ الضَّالِّينَ﴾ [البقرة: 198]

މާނައީ: "ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ޙަޟްރަތުން ލިބޭ ފަޟްލުވަންތަވެރިކަމެއް (އެބަހީ: ވިޔަފާރިކުރުންފަދަ ގޮތްގޮތުން ހޯދާ ތަނަވަސްކަމެއް) ހޯދަން އުޅުމުގައި ތިޔަބައިމީހުންގެ މައްޗަކަށް ކުށެއްނެތެވެ. ދެންފަހެ، ތިޔަބައިމީހުން ޢަރަފާތުން އެނބުރި އައުމުގެ ދަތުރު ފަށައިގަންނަހިނދު، އަލްމަޝްޢަރިލް ޙަރާމުގައި (އެބަހީ: މުޒްދަލިފާ ނިމޭތާނގައިވާ ޤުޒަޙު ފަރުބަދަ ކައިރީގައި) ތިޔަބައިމީހުން اللَّه ހަނދުމަކުރާށެވެ! (އެބަހީ: ތަލްބިޔާ ކިޔައި، ދުޢާ ކުރާށެވެ!) އަދި އެކަލާނގެ ތިޔަބައިމީހުންނަށް ތެދުމަގު ދައްކަވައި އެންގެވި ފަދައިން، ތިޔަބައިމީހުން އެކަލާނގެ ހަނދުމަކުރާށެވެ! އޭގެކުރިން ތިޔަބައިމީހުން ވެފައިވީ މަގުފުރެދިގެންވާ މީހުންގެ ތެރެއިންކަން ކަށަވަރެވެ."

ނޯޓް: މިއީ ޝައިހް އަހުމަދު ރިމާޒުގެ ލިޔުއްވުމެކެވެ.