Last Updated: June 5, 19:06
Thursday, June 5, 2025
ޚަބަރު

ބޮޑު ބައްޔެއް ހުރި ބިދޭސީއަކު ފިލައިގެން އުޅޭތީ ހޯދަނީ

ގައިންގަޔަށް އަރާ ބައްޔެއް ހުރި ކަމަށް ބެލެވޭ ބިދޭސީއަކު ފިލައިގެން އުޅޭތީ އޭނާ ހޯދުމުގެ މަސައްކަތް ފަށައިފި އެވެ.

ހޯދަމުން އަންނަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ އުމުރުން 31 އަހަރުގެ ފިރިހެނެކެވެ. އޭނާ އަކީ ވިލިމާލޭގައި ހުންނަ ފެކްޓަރީއެއްގައި މަސައްކަތް ކުރާ މީހެއް ކަމަށް އެނގިފައިވެ އެވެ.

ބިދޭސީ މީހާ މަސައްކަތް ކުރާ ތަނުގައި އުޅޭ މީހަކު ވަނީ އެ ބިދޭސީ މީހާގެ ބައެއް މައުލޫމާތާއި ފޮޓޯ ސޯޝަލް މީޑިއާގައި ޕޯސްޓްކޮށް އޭނާ ފިލައިގެން އުޅޭތީ ހޯދަމުން އަންނަ ކަމަށް ބުނެފަ އެވެ.

ރާއްޖޭގައި މަސައްކަތް ކުރަމުންދާތާ 10 އަހަރު ވެފައިވާ ބިދޭސީ މީހާ ވިލިމާލޭގެ ފެކްޓަރީގެ ވަޒީފާއަށް ގެންދިޔައީ މީގެ ދެ އަހަރެއްހާ ދުވަސް ކުރިންނެވެ. އޭނާގެ ހަށިގަނޑުގައި ގައިންގަޔަށް އަރާ ބައްޔެއް ހުރިކަން އެނގުނީ ވިސާ އާކުރުމަށް މެޑިލަކް ޓެސްޓު ހެދުމުންނެވެ.

އަދި އެ މީހާ މިދިޔަ މަހުގެ 26 ވަނަ ދުވަހު ރާއްޖެ އިން ފުރަން ކަމަށް ބުނެ ވިލިމާލޭގެ ފެރީއަކަށް އެރި ކަމަށާއި ނަމަވެސް އޭނާ ރާއްޖެއިން ބޭރުވެފައި ނެތް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނާތީ އާންމުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެ މައުލޫމާތު ސޯޝަލް މީޑިއާގައި ހިއްސާކުރީ ކަމަށް ބުނެފައިވެ އެވެ.

ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ މީހާ އަކީ އެޗްއައިވީ ވައިރަސް ހުރި މީހެކެވެ.

އެ މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ 7478833 އަށް ގުޅައި އެ މައުލޫމާތު ހިއްސާކޮށްދިނުމަށް ހެލްތު އެޗްޕީއޭ އިން އެދިފައިވެ އެވެ.