Last Updated: June 5, 17:58
Thursday, June 5, 2025
ޚަބަރު

ޗަމްޕީ އަނެއްކާ ވެސް އޮލިމްޕިކްގެ ކޮމިޓީގެ ރައީސަކަށް

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ރައީސްގެ ދެވަނަ ދައުރަކަށް، ސްވިމިން އެސޯސިއޭޝަންގެ ރައީސް މުހައްމަދު އަބްދުއްސައްތާރު (ޗަމްޕީ) އިންތިހާބުކޮށްފި އެވެ.

ދެވަނަ ދައުރަކަށް ޗަމްޕީ އިއްޔެ އިންތިހާބުވީ އެ މަގާމަށް އިތުރު އެހެން މީހަކާ ވާދަކޮށްފައި ނުވާތީ އިންތިހާބަކާ ނުލަ އެވެ.

އޮލިމްޕިކް ކޮމިޓީގެ ކުރިއަށް އޮތް ދައުރަށް 2025-2029 އަށް ޗަމްޕީގެ އިތުރުން އޭނަ ނައިބުންނަށް އަހުމަދު މުންތަގިމާއި އަހުމަދު އިސްމާއީލް ވެސް އިންތިހާބުވީ އިތުރު ބަޔަކު ކުރިމަތިލާފައި ނުވާތީ އިންތިހާބަކާ ނުލަ އެވެ.

ނައިބަކަށް އަހުމަދުގެ ނަން ނޮމިނޭޓް ކުރީ ހޭންޑްބޯލް އެސޯސިއޭޝަނުންނެވެ. އެތުލެޓިކްސް އެސޯސިއޭޝަންގެ މުންތަގިމްގެ ނަން ނޮމިނޭޓް ކުރީ ޗެސް އެސޯސިއޭޝަނުންނެވެ.

އެންމެ ފަހުން އޮލިމްޕިކް ކޮމިޓީގެ ހިންގާ ކޮމިޓީ އިންތިހާބު ބޭއްވީ 2021 ވަނަ އަހަރު އެވެ.

ސްވިމިން އެސޯސިއޭޝަންގެ ރައީސްކަން ހަތަރު ވަނަ ދައުރަކަށް ފުރުއްވަމުން ގެންދަވާ ޗަމްޕީ އެންމެ ފަހުން ބޭއްވި އޮލިމްޕިކް ކޮމިޓީގެ އިންތިހާބު ކާމިޔާބުކުރީ ބާސްކެޓް ބޯލް އެސޯސިއޭޝަންގެ ކުރީގެ ރައީސް މޫސާ ނާޝިދުއާ ވާދަކޮށެވެ.