Last Updated: June 5, 17:58
Thursday, June 5, 2025
ޚަބަރު

'ދަ ގާޑެންސް' ނިންމަން އާރްސީސީއާ ހަވާލުކޮށްފި

ޖާހު އިންވެސްޓްމަންޓުން ހުޅުމާލޭގައި ތަރައްގީ ކުރަން ފެށި ހައުސިން ޕްރޮޖެކްޓް "ދަ ގާޑެންސް" ނުނިމި ދިގުލައިގެން ގޮސްފައިވާތީ ނުނިމި ހުރި މަސައްކަތްތައް ނިންމަން ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީސީ) އާ ހަވާލުކޮށްފި އެވެ.

ޖާހު އިންވެސްޓްމަންޓާ އެކީ ހެދި އެއްބަސްވުން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބާތިލުކޮށްފައި ވަނީ މިދިޔަ މާޗް މަހު އެވެ.

"ދަ ގާޑެންސް" ގެ ނުނިމި ހުރި މަސައްކަތްތައް ނިންމަން އާރްސީސީއާ ހަވާލުކުރިކަން އެޗްޑީސީން މިއަދު ހާމަކުރި ނަމަވެސް އިތުރު ތަފުސީލެއް ނުދެ އެވެ.

ޖައުޒާ ކޮންސްޓްރަކްޝަންގެ މަސްލަހަތު އޮންނަ ރިއަލް އެސްޓޭޓް ކުންފުނި، ޖާހު އިންވެސްޓްމަންޓުން "ދަ ގާޑަންސް" ތަރައްގީކުރަން ފެށީ 2017 ގަ އަހަރެވެ. އެ ޕްރޮޖެކްޓް ނިންމަން އެ ކުންފުންޏަށް ދިނީ ދެ އަހަރެވެ. ނަމަވެސް ދިން މުއްދަތުގައި ޕްރޮޖެކްޓް ނުނިމޭތީ އެ ޕްރޮޖެކްޓް ނިންމުމަށް ޓަކައި އެކި ފަހަރު މަތީން އެ ކުންފުންޏަށް އެޗްޑީސީން މުއްދަތު އިތުރުކޮށްދިން ނަމަވެސް އެ ޕްރޮޖެކްޓް ނިންމައިފައެއް ނުވެ އެވެ.

"ދަ ގާޑެންސް"ގައި 28 ސުއިޓާއި 55 ވިލާއާ އެކު ލަގްޒަރީ 83 ޔުނިޓު ހުރެ އެވެ. ހުރިހާ ތަނެއް ވިއްކާފައިވާ އިރު ހުރިއިރު، އެޕާޓްމަންޓްޓްތައް ވިއްކާފައި ވަނީ 2-13 މިލިއަން ރުފިޔާއާ ދޭތެރޭގެ އަގުތަކެއްގަ އެވެ.

އެޗްޑީސީ އާއި ޖާހު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުން ބާތިލުކުރުމުގެ އެންމެ ފަހު މަރުހަލާގެ ދަށުން ގާނޫނީ ނޯޓިސް ދިނުމަށް ބޯޑުން ނިންމައި، އެ ނޯޓިސް މި އަހަރުގެ ޖެނުއަރީ 27 ގައި ޖާހު އިންވެސްޓްމަންޓަށް ފޮނުވި އެވެ. އެ ނޯޓިހުގައި އޮތީ 45 ދުވަހުގެ ތެރޭގައި އެ ޕްރޮޖެކްޓް ނިންމުމަށެވެ. ނަމަވެސް އެ މުއްދަތުގައި ވެސް ޕްރޮޖެކްޓް މަސައްކަތް ނިންމާފައި ނުވާތީ އެޗްޑީސީން އެއްބަސްވުން ބާތިލުކުރީ އެވެ.

މި މައްސަލައާ ގުޅިގެން ޖާހުގެ ފަރާތުން އެޗްޑީސީއާ ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާކޮށްފައިވެ އެވެ.