Last Updated: June 5, 17:58
Thursday, June 5, 2025
ދުނިޔެ

މޮންގޯލިއާގެ ބޮޑުވަޒީރު އިސްތިއުފާ ދީފި

އިތުބާރު ނެތްކަމުގެ ވޯޓަކުން މޮންގޯލިއާގެ ބޮޑުވަޒީރު ލުވްސަންނަމްރަސިން އޮޔޫން- އާޑީން މަގާމުން ވަކިކުރަން ފާސްކުރުމާ ގުޅިގެން މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

ދެހާސް އެކާވީހުގައި ވެރިކަމަށް ވަޑައިގެންނެވި އޮޔޫން މަގާމުން އިސްތިއުފާ ދެއްވި އިރު އޭނަގެ މައްޗަށް ކުރެވިފައިވާ ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކަކާ ގުޅިގެން މަގާމުން އިސްތިއުފާ ދޭން ގޮވާލައި ބޮޑެތި މުޒާހަރާތަކެއް ވެސް ކޮށްފައިވެ އެވެ.

ބޮޑުވަޒީރުގެ މައްޗަށް އިތުބާރު ނެތް ކަމަށް އިއްޔެ ގާނޫނު ހަދާ މަޖިލީހުގައި އިިއްޔެ ނެގި ސިއްރު ވޯޓްގައި ޖުމްލަ 126 މެންބަރުން ހިމެނޭ މަޖިލީހުގެ 82 މެންބަރަކު ބައިވެރިވެވަޑައިގަތެވެ. އަދި އޭނައާ ދެކޮޅަށް 44 މެމްބަރަކު ވޯޓް ދެއްވި އެވެ.

ބޮޑުވަޒީރަށް އިތުބާރު ނެތް ކަމަށް ފާސްކުރުމާ އެކު އިސްތިއުފާ ދެއްވި ނަމަވެސް އާ ބޮޑުވަޒީރަކު އައްޔަން ކުރެވެންދެން މަގާމުގެ މަސްއޫލިއްޔަތު އޮޔޫން އަދާކުރައްވާނެ އެވެ. އާ ބޮޑުވަޒީރަކު 30 ދުވަހުގެ ތެރޭގައި އައްޔަން ކުރަން ޖެހެ އެވެ.

އުމުރުން 44 އަހަރުގެ އޮޔޫން އަކީ މޮންގޯލިއާގެ 22 ވަނަ ބޮޑުވަޒީރެވެ.

މަގާމުން އިސްތިއުފާ ދެއްވައި އޭނަ ވިދާޅުވީ ގައުމަށް ހިދުމަތް ކުރަން ލިބިވަޑައިގަތުމަކީ ފަހުރެއް ކަމަށާއި ގައުމާ ހަވާލުވެވަޑައިގަތީ ވަރަށް އުނދަގޫ، ދަތި ދަނޑިވަޅެއްގައި ކަމަށެވެ. އެގޮތުން ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގަތް އިރު ކޮވިޑްގެ ބަލިމަޑުކަމާއި ޓެރިފާއި ގައުމުގެ ސަލާމަތީ ގޮތުން އޮތް ހާލަތުން އަރައިގަތުމަށް ކާމިޔާބު މަސައްކަތްތަކެއް ކުރެވުނު ކަމަށް ގަބޫލު ކުރައްވާ ކަމަށް އޮޔޫން ވިދާޅުވި އެވެ.