Last Updated: June 5, 17:40
Thursday, June 5, 2025
ޚަބަރު

ސިޓީތަކަށް ތިމާވެއްޓާ ރައްޓެހި ބައިކިން ނިޒާމެއް ގެންނަނީ

ކުރީގެ ރައީސް މުހައްމަދު ނަޝީދު އައްޑޫގައި ބައިސްކަލެއް ދުއްވަނީ.

ރާއްޖޭގެ ހުރިހާ ސިޓީތަކަކަށް ބައިސްކަލް ފަދަ ތިމާވެއްޓާ ރައްޓެހި ބައިކިން ނިޒާމެއް ގާއިމު ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރާ 'ވޯލްޑް ބައިސްކަލް ޑޭ' އާ ގުޅިގެން އެ މަނިކުފާނު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ ބައިސްކަލަކީ ދަތުރުތަކަށް އެންމެ ފަސޭހަ ވަސީލަތް ކަމަށެވެ. އަދި ތިމާވެއްޓާ ރައްޓެހި ވަސީލަތަކަށްވެފައި އަގު ވެސް ހެޔޮ ވަސީލަތެއް ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ސިޓީތައް ތޮއްޖެހެމުންދާ އިރު، އެއްގަަމު ދަތުރުފަތުރުތަކަށް ބައިސްކަލް ބޭނުން ކުރުމަކީ ކުރެވިދާނެ ވަރަށް މުހިއްމު ކަމެއް ކަމަށާއި މިއީ ވިސްނައިލަން ޖެހޭ ކަމެއް ކަަމަށެވެ. އެހެންވެ ރާއްޖޭގެ ހުރިހާ ސިޓީތަކަކަށް ތިމާވެއްޓާ ރައްޓެހި ބައިކިން ނިޒާމެއް ތަރައްގީ ކުރަން ސަރުކާރުން މަސަައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

ތަރައްގީވެފައިވާ ވަރަށް ގިނަ ގައުމުތަކުން ވެސް އެއްގަމު ދަތުރުތަކަށް ބައިސްކަލް ބޭނުން ކުރުން ވަރަށް ބޮޑަށް އިތުރުވެފައިވާ އިރު، ރާއްޖެ އަކީ ކުރިއަރަމުން އަންނަ އިރު، ސައިކަލާއި ކާރު ފަދަ ތިމާވެއްޓަށް ގެއްލުންދޭ ވިހަ ޖައްވަށް ދޫކުރާ ވަސީލަތްތައް ބޭނުން ކުރުން އިންތިހާ އަށް އިތުރުވަމުންދާ ގައުމެކެވެ.

އެގޮތުން މިހާރު ވެސް ރާއްޖޭގެ ވެރިރަށަށް މާލެ އަށް ދިމާވެފައިވާ އޮތް އެންމެ ބޮޑު އެއް މައްސަލަ އަކީ ނުކަތާ ވަރަށް ސައިކަލްތަކާއި ކާރުތައް ގިނަވެ، ޕާކިން އަށް ވެސް ޖާގަ ނެތުމުގެ މައްސަލަ އެވެ. އަނެއްކޮޅުން މިފަދަ އުޅަނދުތަކުން މަގުތަކުގެ ޓްރެފިކް ބޮޑުވުމާއި ނުރައްކާތެރި އެކްސިޑެންޓްތައް ވެސް ހިނގުން ރާއްޖޭގައި ވަރަށް އާންމެވެ.

މިދިޔަ އަހަރު ތިނަދޫ ސިޓީ ކައުންސިލުން އެ ސިޓި އަށް ކުލީ ބައިސްކަލް ތައާރަފުކޮށްފައިވާކަން ފާހަގަކޮށްލެވެ އެވެ. މިއީ ތިމާވެއްޓާ ރައްޓެހި ނިޒާމެއްގެ ތެރެއިން ރަށުތެރެ ބަލާލުމަށް މަގުފަހިކޮށް ދިނުމުގެ ގޮތުން ތައާރަފުކުރި ހިދުމަތެކެވެ. މިކަމަށް ތިނަދު އަށް ޒިޔާރަތްކުރާ މީހުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބޭ ކަމަށް ކައުންސިލުން ބުނެ އެވެ.