Last Updated: June 5, 17:58
Thursday, June 5, 2025
ދުނިޔެ

ރޭޕްކޮށްލި 10 އަހަރުގެ ކުއްޖަކު މަރުވެއްޖެ

އިންޑިއާގައި ރޭޕްކޮށްލި 10 އަހަރުގެ އަންހެން ކުއްޖަކަށް ފަރުވާ ދިނުން ލަސްވެ މަރުވެއްޖެ އެވެ.

މީޑިއާތަކުން ބުނި ގޮތުގައި މިދިޔަ މަހުގެ 26 ވަނަ ދުވަހު ބިހާރުގެ ޕަޓްނާގެ މުޒައްފަރުޕޫރްގައި ކުއްޖާ ރޭޕްކުރުމާ ގުޅިގެން އެންމެ ފުރަތަމަ ގެންދިޔައީ ޕަޓްނާގެ ސްރީ ކްރިޝްނާ މެޑިކަލް ކޮލެޖް އެންޑް ހޮސްޕިޓަލް އެސްކޭސީއެމްއެޗް) އަށް ކަމަށާއި ކުއްޖާ އަށް ވަރަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާތީ ބޮޑު ސާޖަރީއެއް ހަދަން ޖެހޭތީ އެތަނުގެ ލަފާގެ މަތިން ކުއްޖާ ފަހުން ބަދަލުކުރީ ޕަޓްނާ މެޑިކަލް ކޮލެޖް އެންޑް ހޮސްޕިޓަލް ޕީއެމްސީއެޗް) އަށެވެ.

އެތަނުގައި ކުއްޖާ މަރުވީ އާދީއްތަ ދުވަހު އެވެ.

ކުއްޖާގެ އާއިލާ އިން ބުނީ ކުއްޖާ މަރުވީ ފަރުވާ ލަސްވެ، ހޮސްޕިޓަލްގެ އިހުމާލުން ކަމަށެވެ. އެހެންވެ އެކަން ބަލައި، އިހުމާލުވި ފަރާތްތަކަށް ފިޔަވަޅު އަޅަން އެދިފައިވެ އެވެ.

މި މައްސަލަ ފެންމަތިވުމާ ގުޅިގެން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށް އަންނަނީ ކުއްޖާގެ އާއިލާ އަށް އިންސާފު ހޯދައިދޭން ގޮވައިލަމުންނެވެ. އެގޮތުން ސިޔާސީ ބައެއް ޕާޓީތަކުން ވެސް މަގުމައްޗަަށް ނުކުމެ އިންސާފަށް ގޮވާލައި މުޒާހަރާކޮށްފައިވެ އެވެ. އޭގެ ތެރޭގައި އިދިކޮޅު އެންމެ ބޮޑު ޕާޓީ، ކޮންގްރެސް ހިމެނެ އެވެ.

ކުއްޖާ މަރުވި މައްސަލައާ ގުޅިގެން ނެޝަނަލް ހިއުމަން ރައިޓްސް ކޮމިޝަނާއި ނެޝަނަލް ކޮމިޝަން ފޯ ވިމެންސް އިން ކަންބޮޑުވުން ފާޅުކޮށް، ޕީއެމްސީއެޗްގެ މައްސަލަ ތަހުގީގު ކުރަން ގޮވާލާފައިވެ އެވެ.

ކުއްޖާ ރޭޕްކުރި މީހާ ހައްޔަރުކޮށްފައިވާ އިރު، އެ މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ. ކުއްޖާ ރޭޕްކޮށްފައި ވަނީ އަވައްޓެރިއެކެވެ. ނަމަވެސް އޭނަގެ ވަނަވަރެއް ހާމައެއް ނުކުރެ އެވެ.

އިންޑިއާ އަކީ ރޭޕްގެ މައްސަލަތައް ވަރަށް ގިނަ ގައުމެކެވެ. އެގޮތުން ކުޑަކުދިން ރޭޕްކުރުމަކީ ވަރަށް ބޮޑުވެފައި އޮތް މައްސަލައެކެވެ.