ސްޓާ ޕްލަސްގެ ކުރީގެ ސިލްސިލާ "ކިޔު ކީ ސާސް ބީ ކަބީ ބަހޫ ތީ" ގެ ދެވަނަ ސީޒަން އަންނަ މަހުގެ 3 ގައި ޕްރީމިއާ ކުރާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މީޑިއާތަކުން ބުނީ ދެވަނަ ސީޒަން ޕްރީމިއާ ކުރާނީ އަންނަ މަހުގެ 3 ވަނަ ދުވަހުގެ ރޭ ކަމަށެވެ. އެ ތާރީހަކީ "ކިޔު ކީ ސާސް ބީ ކަބީ ބަހޫ ތީ" ގެ ފުރަތަމަ ސީޒަންގެ ފުރަތަމަ އެޕިސޯޑް ވެސް ބެލުންތެރިންނަށް ގެނެސްދިން ތާރީހެވެ. މީޑިއާތަކުން ބުނީ އާ ސީޒަންގެ އެޕިސޯޑްތައް ސްޓާ ޕްލަސް އިން ގެނެސްދޭނީ އިންޑިއާ 10:30 ގައި ކަމަށެވެ. އެއީ ރާއްޖެ ގަޑިން 10:00 އެވެ.
"ކިޔު ކީ ސާސް ބީ ކަބީ ބަހޫ ތީ" ގެ ދެވަނަ ސީޒަންގެ ޝޫޓިން ކުރިއަށްދާތާ މިހާރު ދުވަސްކޮޅެއްވި ނަމަވެސް މިއާ ބެހޭ އެއްވެސް މައުލޫމާތެއް ރަސްމީކޮށް ސްޓާ ޕްލަސް އާއި ސިލްސިލާ ޕްރޮޑިއުސްކުރާ އެކްތާ ކަޕޫރްގެ ބާލާޖީން ރަސްމީކޮށް އެއްވެސް އެއްޗެއް ނުބުނެ އެވެ.
އެހެންވެ ވަރަށް ގިނަ ބަޔަކު މިހާރު ތިބީ ސްޓާ ޕްލަސް އިން އާ ސީޒަންގެ ޕްރޮމޯ ދައްކަން ފަށާނެ އިރެއްގެ އިންތިޒާރުގަ އެވެ.
މީޑިއާތަކުން ބުނީ އާ ސީޒަންގެ ޝޫޓިން ކުރިއަށް ގެންދާ އިރު، ސެޓުން އެއްވެސް މަންޒަރެއް ލީކްވިޔަ ނުދިމަށްޓަކައި ކާސްޓާއި ކްރޫ އަށް ފޯނު ވެއްދުން ވެސް މަނާކޮށްފައިވާ ކަމަށެވެ.
"ކިޔު ކީ ސާސް ބީ ކަބީ ބަހޫ ތީ" ގެ ކާސްޓްގައި ފުރަތަމަ ސީޒަންގެ މައިގަނޑު ދެ ތަރިއަކު ވެސް ހިމެނެ އެވެ. އެއީ ތުލްސީ
ވިރާނީގެ ރޯލު ކުޅުނު އަދި މިހާރު އިންޑިއާގެ ސަރުކާރުގެ މިނިސްޓަރެއް ކަމަށްވާ ސުމިތުރީ އިރާނީ އާއި އަމަރު އުޕަދޭ އެވެ.
"ކިޔު ކީ ސާސް ބީ ކަބީ ބަހޫ ތީ" އަކީ 8 އަހަރަށް ގެނެސްދިން އަދި ވަރަށް މަޝްހޫރުވި ސިލްސިލާއެކެވެ. ޖުލައި 3، 2000 އިން ފެށިގެން ނޮވެމްބަރު 6، 2008 އާ ހަމައަށް އޭގެ 1،833 އެޕިސޯޑް ގެނެސްދީފައިވެ އެވެ.
ސްޓާ ޕްލަސް އިން 2022 ގައި ވެސް މި ސިލްސިލާ ދައްކާފައިވެ އެވެ. އަދި މިހާރު ވެސް ޖިއޯހޮޓްސްޓާ އިން "ކިޔު ކީ ސާސް ބީ ކަބީ ބަހޫ ތީ" ސްޓްރީމްކުރެ އެވެ.