Last Updated: July 12, 21:01
Sunday, July 12, 2026
ޚަބަރު

ދިވެހި ޙައްޖުވެރިން މިރޭ މިނާއަށް ދަތުރު ފަށަނީ

މިއަހަރު ޙައްޖަށް ދިޔަ ޙައްޖުވެރިން މިރޭ މަޢްރިބް ނަމާދަށްފަހު މިނާއަށް ދިޔުމަށް ދަތުރު ފަށާނެ ކަމަށް ރާއްޖޭގެ ހައްޖު މިޝަނުން ބުނެފި އެވެ.

ރާއްޖެއިން މިއަހަރު ޖުމްލަ 1000 ޙައްޖުވެރިން ޙައްޖުގެ އަޅުކަން ފުރިހަމަކުރާއިރު ހުރިހާ ޙައްޖުވެރިންގެ ޙާލުވެސް ރަނގަޅުކަމަށް ޙައްޖު މިޝަންއިން މަޢުލޫމާތުދެ އެވެ.

ޙައްޖުވެރިން މިނާއިން، ދެން ދާނީ ޙައްޖުގެ އެންމެ މުހިންމު ރުކުން އަދާކުރުމަށް ޢަރަފާތަށް ދިއުމަށެވެ. ޙައްޖުމަހުގެ 9 ވަނަ ދުވަހުގެ މެންދުރުފަހުން ޢަރަފާތުގައި މަޑުކުރުމަކީ ޙައްޖުގެ އެންމެ މުހިންމު ރުކުނެވެ. އެ ބިމަށް އެދުވަހު އިރުއޮއްސުމުގެ ކުރިން ނުދެވޭ މީހުންނަށް ޙައްޖު ނުލިބޭނެ އެވެ.

ޢަރަފާތަށް ދިޔުމަށްފަހު ޙައްޖުވެރިން މުޒްދަލިފާގައި ރޭކުރާނެ އެވެ. މުޒްދަލިފާގައި ރޭކުރުމަށްފަހު ބޮޑުޖަމްރާއަށް ހިލައުކުން ކުރިއަށްގެންދިޔުމަށްފަހު ދެން އޮންނާނީ ހަދްޔު ކަތިލުމެވެ. އެއަށްފަހު މިނާގައި ރޭކުރުމަށްފަހު، ތިން ޖަމްރާއަށް ހިލައުކުމަށްފަހު ޙައްޖުވެރިން ދެން ދާނީ ޠަވާފުލްއިފާޟާކުރުމާއި ޞަފާ ފަރުބަދައާއި މަރްވާ ފަރުބަދައާދެމެދު ސަޢުޔުކުރުމަށެވެ. ޙައްޖުވެރިންގެ އެންމެ ފަހުކަމެއްގެ ގޮތުގައި ކުރިއަށްގެންދާނީ ވަދާޢުގެ ޠަވާފުކޮށް ޙައްޖުގެ އަޅުކަން އަދާކޮށް ނިންމުމެވެ.

މިއަހަރުގެ ޢަރަފާތް ދުވަހަކީ ޖޫން 5 ވާ ބުރާސްފަތި ދުވަހެވެ.