Last Updated: June 6, 11:16
Friday, June 6, 2025
ޚަބަރު

ފްލެޓް ލިސްޓް މައްސަލާގައި ކުރަނީ ސިޔާސީ ދައުވާތަކެއް

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން އެކުލަވާލި ގެދޮރުވެރިޔާ ފްލެޓް ލިސްޓު މައްސަލައިގައި އޭސީސީ އިން ކުރީ ސިޔާސީ ތަހުގީގެއް ކަމަށް އިދިކޮޅު އެމްޑީޕީން ބުނެފި އެވެ.

ފްލެޓް ލިސްޓު އެކުލަވާލުމުގައި ވަކި ބަޔަކު އޭގައި ހިމަނައި، ނާޖާއިޒު މަންފާއެއް ހޯދައިދީފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި އޭރުގެ ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ހިމެނޭހެން ހަތަރު މީހަކަށް ދައުވާކޮށްދޭން އެދި އޭސީސީ އިން އެ މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަަށް މިއަދު ވަނީ ފޮނުވައިފަ އެވެ.

އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ މި ދައުވާތައް ކުރަނީ ސިޔާސީ މަގުސަދެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވައިގެން ކަމަށެވެ. މި ދައުވާތައް ކުރުމަށް ނިންމާފައިވާއިރު މި ސަރުކާރުން ފްލެޓް ދިނުމަށް ނިންމާފައިވަނީ މިދިޔަ ސަރުކާރުން ގެޒެޓުގައި ޝާއިރުކުރި ލިސްޓަށް ކަމަށްވެސް ބުނެފައިވެ އެވެ.

އޭސީސީ އިން އަމަލުކުރަމުން ދަނީ ސީދާ ރައީސް މުއިއްޒުގެ އޯޑަރަށް ކަމަށާއި މި މައްސަލާގައި އޭސީސީން އަމަލުކޮށްފައިވަނީ ގާނޫނުތަކާއި ކަނޑައެޅިގެން ހިލާފަށް ކަމަށް އެމްޑީޕީން ބުނެ އެވެ. އަދި މި ތަހުގީގަކީ ފެށުނީއްސުރެ ވަކި އަތަކަށް ޖެހިފައިވާ ސިޔާސީ ތަހުގީގެއް ކަމަށް އެމްޑީޕީން ވަނީ ސިފަކޮށްފަ އެވެ.

އެމްޑީޕީން ބުނިގޮތުގައި އަކްރަމްގެ ޕާސްޕޯޓް އަލުން ހިފަހައްޓާފައިވަނީ ސަރުކާރަށް ފާޑުކިޔާ މީހުންގެ އަޑު ކަނޑުވާލައި އިދިކޮޅު ފަރާތްތަކަށް ހުރަސް އެޅުމުގެ ބޭނުމުގަ އެވެ. އަދި މިފަހަރު ވެސް އޭސީސީ މެދުވެރިކޮށް ގެދޮރުވެރިޔާ ސްކީމާ ގުޅޭ އެއްވެސް އަސްލެއް ނެތް ހިޔާލީ ތަހުގީގެއްގެ މައްޗަށް ބިނާކޮށް ދައުވާ ކުރަމުންދަނީ ފްލެޓުތައް ހަވާލުކުރުން ލަސްކުރުމުގެ ބޭނުމުގައި ކަމަށްވެސް ބުނެފައިވެ އެވެ.

"މި ދައުވާތަކަކީ ކުރިއަށް އޮތް އިންތިހާބުތަކާ ހަމައަށް ފްލެޓު ދިނުން ލަސްކޮށް އިންތިހާބަށް ނުފޫޒު ފޯރުވުމަށް ފްލެޓްތައް ބޭނުން ކުރުމުގެ ނުބައި ނިޔަތުގައި ސަރުކާރުގެ ނުފޫޒުން އުފުލާ ދައުވާތަކެކެވެ،" އެ ބަޔާނުގައިވެ އެވެ.

އޭސީސީ އާއި ފުލުހުން ގުޅިގެން ތަޙުޤީޤު ކުރަމުން ގެންދާ މައްސަލައިގެ ތަޙުޤީޤުގައި ހޯދާފައިވާ ހެކި ޤަރީނާ އިން އެނގޭތީ، އެ މައްސަލައިގައި ދަޢުވާކޮށް ދޭން އެދިފައި ވަނީ އަކްރަމް އާއި އެ މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވްގެ މަޤާމުގައި އޭރު ހުރި މުޙައްމަދު ޢާރިފާއި އެ މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވްގެ މަޤާމުގައި އޭރު ހުރި ޟިރުޢާމް ވަޙީދުގެ އިތުރުން އެ މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލްގެ މަޤާމުގައި ހުރި އަޙްމަދު ވިޝާން ނަސީމްގެ މައްޗަށެވެ.