Last Updated: June 6, 11:16
Friday, June 6, 2025
ޚަބަރު

އާބަން ފާމިން މަޝްރޫއުގެ ދެވަނަ ފިޔަވަހި އިފްތިތާހުކޮށްފި

ހުޅުމާލޭގައި ދެމެހެއްޓެނިވި ގޮތެއްގައި ދަނޑުވެރިކަން ކުރިއެރުވުމަށް ކުރިއަށްގެންދާ "ކޮމިއުނިޓީ އާބަން ފާމިން" މަޝްރޫއުގެ ދެވަނަ ފިޔަވަހި މިއަދު ރަސްމީކޮށް އިފްތިތާހުކޮށްފި އެވެ.

މި މަޝްރޫއުގެ ދަށުން ގާއިމުކޮށްފައިވާ ދަނޑުވެރި ސްލޮޓްތަކާއި ޕްލާޒާ ހުޅުވައިދެއްވީ މިނިސްޓާ އޮފް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ ޑރ. މަރިޔަމް މާރިޔާ އެވެ.

މިއީ ޖަޕާނުގެ ހިލޭ އެހީގައި ޔޫއެންޑީޕީ އާއި އެޗްޑީސީ ގުޅިގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ.

އެޗްޑީސީ އިން ބުނީ މި މަޝްރޫއުގެ މައިގަނޑު މަގުސަދަކީ ހުޅުމާލޭގައި ދެމެހެއްޓެނިވި ދަނޑުވެރިކަން ކުރިއެރުވުން ކަމަށާއި، ދަނޑުވެރިންނަށް ބޭނުންވާ ވަސީލަތްތަކާއި އެކަށީގެންވާ ޓްރެއިނިން ފޯރުކޮށްދިނުން ކަމަށެވެ. މި މަޝްރޫއުގެ ޒަރިއްޔާ އިން ދަނޑުވެރިން ހައްދާ ބާވަތްތައް ވިއްކައި ދެމެހެއްޓެނިވި ގޮތެއްގެ މަތިން އެކަށީގެންވާ އާމްދަނީއެއް ހޯދޭނެ މަގުވެސް ފަހިވެގެންދާނެ ކަމަށް އެޗްޑީސީ އިން ވަނީ ބުނެފަ އެވެ.

މިއަދު އިފްތިތާހު ކުރެވުނު މަޝްރޫއުގެ ދަށުން ދަނޑު ހެއްދުމަށް 28 ސްލޮޓް ދޫކޮށްފައިވާކަމަށާއި، މި ސްލޮޓުތައް ކައިރީގައި 28 ޕޮޕް އަޕް މާކެޓް ސްޓޯލްވެސް ގާއިމުކުރެވިފައިވާ ކަމަށް އެޗްޑީސީން ބުނެ އެވެ. މި ސްޓޯލްތަކުގެ ބޭނުމަކީ ދަނޑުވެރިން ހައްދާ ބާވަތްތައް ފަސޭހައިން ވިއްކޭނެ މަގުފަހިކޮށްދިނުން ކަމަށް އެޗްޑީސީ އިން ވަނީ ބުނެފަ އެވެ.