ގާނޫނީ ވަކީލު މަހުފޫޒް ސައީދަށް ސޯޝަލް މީޑިއާގައި އިންޒާރުދިން މައްސަލަ ފުލުހުން ބަލަން ފަށައިފި އެވެ.
ސޯޝަލް މީޑިއާގައި އާންމު ފަރާތަކުން މިއަދު ވަނީ މަހުފޫޒަށް އިންޒާރުދީ ޕޯސްޓެއްކޮށްފަ އެވެ. މި ޕޯސްޓުގައި ލިޔެފައިވަނީ "ވަޅިއެއް ޖަހަންވީތަ؟" މިހެންނެވެ.
ފުލުހުން މިރޭ ބުނީ މަހުފޫޒަށް އިންޒާރު ދީފައިވާ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ. އިތުރު ތަފްސީލެއް ދީފައެއް ނުވެ އެވެ.
މިފަދަ އިންޒާރެއް ދީފައިވާއިރު ސެޕްޓެމްބަރު، 2015 ގައި މާލޭގެ މަގުމަތިން މަހްފޫޒްގެ ބޮލަށް ވަޅިން ހަމަލާއެއް ދީފައިވެ އެވެ. އެ ހަމަލާއާ ގުޅިގެން ދައުލަތުން ހަތަރު މީހެއްގެ މައްޗަށް ދައުވާ އުފުލި ނަމަވެސް އެމީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.
މަހުފޫޒަށް އޭރު ހަމަލާ ދިންއިރު އޭނާ ގެންދެވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ދިފާއީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުންނެވެ.