Last Updated: June 5, 19:06
Thursday, June 5, 2025
ޚަބަރު

މެއިގެ ބިލު ބޮޑުވީ އޭޕްރީލް މަހު ޑިސްކައުންޓު ދީފައިވާތީ

އަގުހެޔޮ ކުރެވުނު ޓެރިފް ރޭޓުން މިދިޔަ މަހުގެ ބިލު ހެދުމުން ވެސް ބައެއް ކަސްޓަމަރުންނަށް މިދިޔަ މަހުގެ ބިލު، އޭޕްރީލް މަހުގެ ބިލަށްވުރެ ބޮޑުވެފައިވަނީ އޭޕްރީލް މަހު ޑިސްކައުންޓު ދީފައިވާތީ ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.

ސްޓެލްކޯ އިން މިހެން ބުނެފައިވަނީ މިދިޔަ މަހުގެ ކަރަންޓުގެ ބިލު ސަރުކާރުން ކަނޑައެޅި އާ ޓެރިފް ރޭޓްގައި ތައްޔާރުކުރި ނަމަވެސް މެއި މަހުގެ ބިލު، އޭޕްރީލް މަހުގެ ބިލަށްވުރެ ބޮޑު ކަމަށް ބައެއް ފަރާތްތަކުން ސޯޝަލް މީޑީއާގައި ބުނަމުންދާތީ އެވެ.

އެކަމާ ގުޅިގެން ސްޓެލްކޯ އިން ބުނީ އާ ޓެރިފް ރޭޓާއެކު ކަރަންޓު ބިލަށް އައިސްފައިވާ ބަދަލު ސާފުކޮށް ފެންނާނީ ވޭތުވެދިޔަ ތިން ބިލު (ރަމަޟާން ޑިސްކައުންޓް ހިމަނާފައިވާ ދެ ބިލާއި ކުރު މުއްދަތަކަށް ބިލުކޮށްފައިވާ ބިލު) ގެ ކުރިން އެ ގޭބިސީއަކަށް ބިލުކޮށްފައިވާ ބިލާއި އަޅައި ކިޔުމުން ކަމަށެވެ.

އެގޮތުން މިދިޔަ އަހަރުގެ ޑިސެމްބަރު ނުވަތަ މިއަހަރުގެ ޖެނުއަރީ މަހުގެ ބިލާއި، އާ ޓެރިފް ރޭޓުން ބިލުކުރެވިފައިވާ ބިލު އަޅައި ކިޔުމުން ބިލުގެ ހަގީގީ ފަރަގު ސާފުވާނެ ކަމަށް ސްޓެލްކޯ އިން ބުންޏެވެ.

"އަގުހެޔޮ ކުރެވުނު ޓެރިފް ރޭޓުން 2025 މެއި މަހުގެ ބިލު ހެދުމުންވެސް ބައެއް ކަސްޓަމަރުންނަށް އޭޕްރީލް މަހުގެ ބިލަށްވުރެ މެއި މަހުގެ ބިލު ބޮޑުވެފައިވާ ކަމަށް ފެންނަނީ ވޭތުވެދިޔަ އޭޕްރީލް މަހު ޑިސްކައުންޓް ލިބިފައިވާތީ،" ސްޓެލްކޯ އިން ބުންޏެވެ.

ކަރަންޓުގެ ޓެރިފް ރޭޓަށް ސަރުކާރުން ގެނައި ބަދަލު:

ބޭންޑް 0-100 އަށް މިހާރު އިންނަ ރޭޓް 1.50 އިން 1.25 އަށް ބަދަލުވާނެ
ބޭންޑް 101-200 އަށް މިހާރު އިންނަ ރޭޓް 1.70 އިން 1.50 އަށް ބަދަލުވާނެ
ބޭންޑް 201-300 އަށް މިހާރު އިންނަ ރޭޓް 2.15 އިން 1.50 އަށް ބަދަލުވާނެ
ބޭންޑް 301-400 އަށް މިހާރު އިންނަ ރޭޓް 2.50 އިން 1.50އަށް ބަދަލުވާނެ
ބޭންޑް 401-500 އަށް މިހާރު އިންނަ ރޭޓް 2.95 އިން 2.66 އަށް ބަދަލުވާނެ
ބޭންޑް 501-600 އަށް މިހާރު އިންނަ ރޭޓް 3.55 އިން 3.25 އަށް ބަދަލުވާނެ
ބޭންޑް 600+ އަށް މިހާރު އިންނަ ރޭޓް 4.25 އިން 3.83 އަށް ބަދަލުވާނެ

ކަރަންޓު އަގުހެޔޮކުރަން ނިންމާފައިވާއިރު، ސަރުކާރުން ވަނީ މިދިޔަ ދެ ރޯދަ މަހުވެސް ފެން ބިލާއި ކަރަންޓު ބިލުން ޑިސްކައުންޓް ދީފަ އެވެ.