ކުޅުދުއްފުށީގެ ތިން ސްކޫލަކަށް މި އަހަރު ވެސް ސިޓީ ކައުންސިލުން 100،000ރ. ގެ މާލީ އެހީ ދީފި އެވެ.
"ސްކޫލް ގްރާންޓް" ގެ ނަމުގައި އެ އެހީ ދީފައި ވަަނީ ކުޅުދުއްފުށީގައި ސަރުކާރުން ހިންގާ ޖަލާލުއްދީން ސްކޫލާއި އަފީފުއްދީން ސްކޫލުގެ އިތުރުން ހދ. އަތޮޅު ތައުލީމީ މަރުކަޒަށެވެ.
ކުޅުދުއްފުށީ ކައުންސިލުން ތިން ސްކޫލަށް މާލީ އެހީ ދެނީ، އެހީ އަށް ހުޅުވާލުމުން ސުކޫލްތަކުން ހުށަހަޅާފައިވާ ޕްރޮޕޯސަލްގައި ހިމެނޭކަންކަން ހާސިލް ކުރުމަށެވެ. މިދިޔަ އަހަރު ވެސް ކޮންމެ ސްކޫލަކަށް 100،000ރ. ރުފިޔާ ދީފައިވެ އެވެ. އޭގެ ކުރިން ދީފައި ވަނީ 50،000ރ. އެވެ.
ކުޅުދުއްފުށީ ކައުންސިލުން ކުރިއަށޒް ގެންދާ "ސްކޫލް ގްރާންޓް" ގެ މައިގަނޑު މަގުސަދަކީ އެ ސިޓީގެ ސްކޫލްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ސުކޫލްތަކުގެ ވަސީލަތްތައް ތަރައްގީ ކުރުމާއި، ދަރިވަރުންގެ ކުރިއެރުމަށް ސްކޫލްތަކުން ހިންގަމުން އަންނަ ހަރަކާތްތަކަށް އެހީތެރިވުމެވެ. މީގެ އިތުރުން ސްކޫލްތަކުގެ ޕީޓީއޭ އިން ސްކޫލްގެ ތަރައްގީ އަށް ފަންޑް ހޯދުމަށް ކުރަމުން އަންނަ މަސައްކަތް ފާހަގަކޮށް އެފަދަ މަސައްކަތްތަކަށް އެއްބާރުން ދިނުމަކީ ވެސް ގްރާންޓްގެ މަގުސަދެކެވެ.