ރަންބީރް ކަޕޫރާ އެކު ހަދަން ނިންމާފައިވާ ކަމަށް އަޑު އަރާފައިވާ ބޮލީވުޑްގެ ކާމިޔާބު ފްރެންޗައިޒް "ދޫމް" ގެ ހަތަރު ވަނަ ބައިގެ ސްކްރިޕްޓް މިހާރު ނިމުމަކާ ގާތްވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މީޑިއާތަކުން ބުނީ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ މި ފިލްމުގެ ސްކްރީންޕްލޭ އަދިތިޔާ ޗޯޕްޅާގެ ވާހަކައަކަށް ލިޔަނީ ޝްރީދާރު ރަގްވަން ކަމަށެވެ. އޭނަ އަކީ މި އަހަރުގެ އޮގަސްޓްގައި ރިލީޒްކުރަން ހަމަޖެހިފައިވާ އެ ސްޓޫޑިއޯގެ ސްޕައި ޔުނިވާސް އަށް ނިސްބަތްވާ ރިތިކް ރޯޝަންގެ "ވޯ 2" ގެ ސްކްރީން ރައިޓަރު އިތުރުން ޝާހްރުކް ޚާންގެ "ޕަތާން" ގެ ވެސް ސްކްރީން ރައިޓަރެވެ.
މީޑިއާތަކުން ބުނި ގޮތުގައި "ދޫމް 4" ހަދަން ނިންމާފައި ވަނީ ކުރީގެ ތިން ބަޔާ ވަރަށް ތަފާތުކޮށެވެ. އެހެންވެ މި ރިބޫޓް ވާޝަންގެ ސްކްރީންޕްލޭ ވަރަށް ތަފާތު ވާނެ ކަމަށް މީޑިއާތަކުން ބުންޏެވެ. "ދޫމް" ގެ ކުރީގެ ތިން ފިލްމުގައި އަބީޝެކް ބައްޗަން އާއި އަދިތިޔާގެ ކޮއްކޮ އުދޭ ޗޯޕްޅާ، ފުލުހުންގެ ރޯލުތަކެއް ކުޅެފައިވެ އެވެ. ނަމަވެސް "ދޫމް 4" ގެ އެންމެ ބޮޑު ތަފާތަކަށް ވާނީ އެ މީހުންގެ ކެރެކްޓާތައް ނުހިމެނުމެވެ.
ރިޕޯޓްތައް ބުނާ ގޮތުން ފިލްމުގެ ޝޫޓިން ފަށަން ޕްލޭންކުރަނީ އަންނަ އަހަރުގެ އެޕްރީލްގަ އެވެ. އަދި "ދޫމް 4" ޑައިރެކްޓް ކުރާނީ "ވޯ 2" ގެ ޑައިރެކްޓަރު އަޔާން މުކަރްޖީ ކަމަށް ވެސް މީޑިއާތަކުން ބުންޏެވެ. ރަންބީރްގެ ބެސްޓް ފްރެންޑްގެ ގޮތުގައި ފާހަގަކޮށްލެވޭ އަޔާން ވަނީ އޭނައާ އެކު ވަރަށް ކާމިޔާބު ތިން ފިލްމެއް މިހާތަނަށް ގެނެސްދީފަ އެވެ. އެއީ 2011 ގެ "ވޭކަޕް ސިދު" އާއި 2013 ގެ "ޔަ ޖަވާނީ ހޭ ދީވާނީ" ގެ އިތުރުން 2022 ގެ "ބުރައްމަސްތުރާ" އެވެ.
ފާހަގަކޮށްލަން ޖެހޭ ކަމަކީ "ބުރައްމަސްތުތާ" އަކީ ރަންބީރާ އެކު އަޔާން ހަދަން ނިންމާފައިވާ ޓްރިލޮޖީއެއްކަމެވެ. މިއީ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންގެ ޕްރޮޖެކްޓެކެވެ.
"ދޫމް 4" ގެ ތައްޔާރީތައް ފިލްމުގެ ޓީމުން ކުރަމުން އަންނަ އިރު، ރަންބީރް މިހާރު ވެސް އަންނަނީ ދެ ފިލްމެއްގެ މަސައްކަތް ކުރަމުންމެވެ. އެއީ ސަންޖޭ ލީލާ ބަންސާލީގެ "ލަވް އެންޑް ވޯ" އާއި ޑައިރެކްޓަރު ނިތޭޝް ތިވާރީ ދެ ބަޔަކަށް ގެނެސްދޭން ހަމަޖެހިފައިވާ "ރާމާޔަން" އެވެ.
މަޝްހޫރު ބަތަލާ އާލިއާ ބަޓްގެ ފިރިމީހާ، ރަންބީރްގެ އެންމެ ފަހުގެ ފިލްމަކީ 2023 ގެ ބޮޑު ހިޓް "އެނިމަލް" އެވެ.
"ދޫމް 4" އަށް ރަންބީރާ އެކު ހަދަން މަސައްކަތްކުރާ އިރު، 2004 ގައި ގެނެސްދިން މީގެ ފުރަތަމަ ބައިގެ މައިގަނޑު ތަރިއަކީ ޖޯން އަބްރަހަމެވެ. އަދި 2006 ގައި ގެނެސްދިން "ދޫމް 2" ގެ މައި ތަރިއަކީ ރިތިކް ރޯޝަނެވެ. އަދި 2013 ގެ "ދޫމް 3" ގައި އާމިރު ޚާން ޑަބަލް ރޯލެއް ކުޅެފައިވެ އެވެ.
"ދޫމް" އަކީ އަބަދު ވެސް އޭގެ ވިލަން "ހީރޯއަކަށް" ވާ ފްރެންޗައިޒެކެވެ.