ރާއްޖޭގައި މެރިކަލްޗާ ދާއިރާ ތަރައްގީކޮށް ކުރިއެރުވުމުގެ ގޮތުން އެކަމަށް ހާއްސަ ޒޯންތަކެއް ކަނަޑައަޅައި އިންވެސްޓަރުންނަށް ބޮޑެތި ލުއި ފަސޭހަތަކެއް ސަރުކާރުން ދީފި އެވެ.
އެގޮތުން މަސައްކަތުގެ ތެރެއިން، ރާއްޖޭގެ ފަސް ސަރަޙައްދެއްގައި މެރިކަލްޗާ އަށް ޚާއްޞަ ޒޯންތަކެއް ޤާއިމުކޮށް، އިންވެސްޓަރުންނަށް ބޮޑެތި ލުއި ފަސޭހަތަކެއް ދީފައިވާ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުންޏެވެ.
މެރިކަލްޗަ އަށް ކަނޑައަޅާފައިވާ ހާއްސަ ޒޯންތަކަކީ، ހއ. އަތޮޅު، ރ. އަތޮޅު، ކ. އަތޮޅު، މ. އަތޮޅު އަދި ތ. އަތޮޅެވެ.
މި ޒޯންތަކުގައި މެރިކަލްޗާގެ މަސައްކަތްތަކުގައި ޝާމިލުވާ ފަރާތްތަކަށް އެކުއިޒިޝަން ފީއެއް ނުނަގައި، ފުރަތަމަ ތިން އަހަރު ދުވަހުގެ މުއްދަތަށް ކުލި މަޢާފުކުރާ ގޮތަށް ސަރުކާރުން ވަނީ ހަމަޖައްސައިފަ އެވެ. މި ކަންކަމާ ގުޅޭ ގަވާއިދު އޭޕްރީލް މަހުގެ 15 ގައި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައިވެ އެވެ.
މެރިކަލްޗާ އިންޑަސްޓްރީއަށް ބޭނުންވާ ފަންނީ މީހުން އުފެއްދުމަށްޓަކައި މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމެއް ވެސް ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފަށާފައިވެ އެވެ. މި ޕްރޮގްރާމްގެ ދަށުން ބޭސިކް މެރިކަލްޗަރ[ ދެ ކޯހެއް ހިންގައި، ރާއްޖޭގެ 18 އަތޮޅަކުން ޖުމްލަ 26 މީހަކު މިހާތަނަށް ތަމްރީނުކޮށްފައިވެ އެވެ.
މީގެ އިތުރުން ސްކޫލް ދަރިވަރުންނަށް އަމާޒުކޮށްގެން މެރިކަލްޗާ އަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމްތަކެއް ވެސް ހިންގާފައިވެ އެވެ. އެގޮތުން މިހާތަނަށް 4 ސްކޫލެއްގެ 142 ދަރިވަރުންނަށް އެކި ސެޝަންތައް ވަނީ ބާއްވައިފަ އެވެ. އަދި އާންމު ފަރުދުންނާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނަށް ފިންގަލިންގްސް ފޯރުކޮށް ދިނުމަށް ގއ. މާނަގަލާގައި ސަރުކާރުން ވަނީ ހާއްސަ މަޝްރޫއެއް ވެސް ފަށައިފަ އެވެ.
މެރިކަލްޗަ ދާއިރާ ތަރައްގީ ކުރުމަށް ސަރުކާރުން ބޮޑު އިސްކަމެއް ދީފައިވާތީ ކުރިއަށް އޮތް އަހަރުތަކުގައި އެ ދާއިރާއިން ރާއްޖޭގެ އިޤްތިޞާދަށް ބޮޑު ކުރިއެރުމެއް ލިބޭނެކަމުގެ އުންމީދު ބޮޑު ކަމަށް ފިޝަރީޒް މިނިސްޓްރީން ބުންޏެވެ.