Last Updated: June 22, 17:35
Sunday, June 22, 2025
ރިޕޯޓް

އައިޓީބީ ޗައިނާ: އައްޑޫގެ ޓޫރިޒަމަށް އުންމީދީ ފެއާއެއް!

އައްޑޫގައި ފަތުރުވެރިކަން ފުޅާ ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މިދިޔަ ހަފްތާއަކީ ތާރީހީ ހަފްތާއެކެވެ. އައްޑޫގެ ހުރިހާ ރަށެއް ތަމްސީލު ކުރެވޭ ގޮތަށް އައިޓީބީ ފެއާގައި ކުރެވުނު މަސައްކަތުން ޗައިނާގެ ޓުއާ އޮޕަރޭޓަރުންނާއި ފަތުރުވެރިކަމާއި ގުޅުން ހުރި ގިނަ ބަޔަކަށް ވަނީ އައްޑޫގައި ހުރި ފުރުސަތުތައް ތަފްސީލުގޮތެއްގައި ހިއްސާ ކުރެވިފައިއެވެ. މިއީ އައްޑޫ ކައުންސިލުން އައްޑޫ ޕްރޮމޯޓް ކުރުމަށް ހޯދައި ދިން ރަނުގެ ފުރުސަތެކެވެ.

މި ފެއަގައި ބައިވެރިވި އައްޑޫ ޓްރަވެލް އެންޑް ޓޫއާސް ހިންގަމުން އަންނަ ހުސެއިން ފަޔާޒު ބުނީ މިއީ އައްޑޫގެ ފަތުރުވެރިކަން މާކެޓު ކުރުމަށް މިހާތަނަށް ހުޅުވުނު އެންމެ ބޮޑު އެއް ދޮރުކަމަށެވެ.

"އައިޓީބީ ޗައިނާ ފެއާއިން ގިނަ އަދަދެއްގެ ޓުއާ އޮޕަރޭޓަރުންނާއި ޓްރަވެލް އެޖެންސީތަކާއި ބައްދަލުވެވި އެމީހުންނަށް އައްޑޫ އާއި ބެހޭ ގިނަ މައުލޫމާތު ދެވުނު. އޭގެ އިތުރުން އައްޑޫއަށް ޗައިނާގެ ފަތުރުވެރިންނަށް އާދެވޭނެ ހުރިހާ މަގުތަކެއް ކިޔައިދެވުނު، ގިނަ އޮޕަރޭޓަރުންގެ ފަރާތުން ލިބުނީ ވަރަށް ޕޮޒިޓިވް ޖަވާބުތަކެއް"

ފަޔާޒް ބުނީ މި ދަތުރުގެ އެންމެ ބޮޑު އެއް ކުރިއެރުމަކީ ޓްރެވެލް އެޖެންުޓުންނާއި ސީދާ ބައްދަލުވެ އެމީހުންނާއި ގުޅުން ބަދަހިވުން ކަމަށެވެ.

އައްޑޫގެ ޑައިވިން ސްޕޮޓް ތަކަކީ ރާއްޖޭގެ އެހެން ތަންތަނާއި ތަފާތު ހިތްގައިމުކަމެއް ލިބިފައިވާ ސްޕޮޓްތަކެކެވެ. މި ފެއާގައި އައްޑޫގެ ޑައިވިން ވަނީ ވަރަށް ބޮޑަށް ޕްރޮމޯޓުކޮށްފައެވެ. އައްޑޫ ސްކޫބާ ޑައިވާސްގެ ފަރާތުން ބައިވެރިވި އިބްރާހިމް ޝަރީފު (އިއްބެ) ވަނީ ފެއާއަށް ޒިޔާރަތް ކުރި ގިނަ ބަޔަކަށް އައްޑޫ ކަނޑު އަޑީގެ ރީތި މަންޒަރުތަކުގެ ވީޑިއޯ ދައްކާފައެވެ. މި ވީޑިއޯތައް ބެލުމަށް ފަހު އެތައް ބަޔަކު ވަނީ އައްޑޫ ސްޓޯލްއަށް ޒިޔާރަތްކޮށް އައްޑޫ އާއި ގުޅޭ ގިނަ މައުލޫމާތު ހޯދާފައެވެ.

މީގެ އިތުރުންވެސް މަރަދޫ ފޭދޫ އައްސޭރި ގެސްޓު ހައުސް ތަމްސީލު ކުރި މައުމަން ސައުދު ވަނީ އައްޑޫއަށް ލިބިފައިވާ ހާއްސަ ޔުނީިކުކަން ސްޓޯލްއަށް ޒިޔާރަތް ކުރި ޗައިނާގެ ޓުއާ އޮޕަރޭޓަރުންނަށް ކިޔާދީފައެވެ.

"ފެއާގައި ބައްދަލުވި ގިނަ ޓުއާ އޮޕަރޭޓަރުންވެސް ވަރަށް ބޮޑަށް ޝައުގުވެރިވި އައްޑޫގެ ޓޫރިޒަމްގައި ހުރި ފުރުސަތުތައް ކިޔައި ދިނުމުން، ގިނަ މީހުން ދެވަނަ ފަހަރަށްވެސް ބައްދަލު ކުރި، އެގޮތުން ފުރަތަމަ ދުވަހު ސްޓޯލަށް ޒިޔާރަތް ކުރި ބައެއް މީހުން ދެވަނަ ދުވަހު އަނެއްކާވެސް ބައްދަލުކޮށް ވަރަށް ތަފްސީލުކޮށް އައްޑޫއަށް ފަތުރުވެރިން ގެނައުމާއި ގުޅޭ ގޮތުން މަޝްވަރާ ކުރެވުނު" މައުމަން ބުންޏެވެ.

އައިޓީބީ ޗައިނާ ފެއާގައި ދިވެހިރާއްޖެ ތަމްސީލު ވެގެންދިޔައީ "އައްޑޫ، ބިއޯންޑް ދި އީކުއޭޓަރ"ގެ ގޮތުގައެވެ. އައްޑޫ ބްރޭންޑަށް މުޅި ފެއާއިންވެސް ބޮޑު ސަމާލުކަމެއް ލިބިފައިވެއެވެ.

ތިން ދުވަހަށް ކުރިއަށް ދިޔަ ފެއާގައި ބައިވެރިވި ޗައިނާގެ ޓުއާ އޮޕަރޭޓަރުންގެ އިތުރުން ބައެއް ޔޫރަޕްގެ ޓްރެވެލް ގްރޫޕްތަކުންވެސް ވަނީ އައްޑޫ ސްޓޯލަށް ޒިޔާރަތްކޮށް އައްޑޫ އާއި ބެހޭ ގިނަ މައުލޫމާތުތައް ހޯދާފައެވެ.

މިފެއާގައި އައްޑޫން ބައިވެރިވި މަރަދޫ ރައިވަރަ ގެސްޓު ހައުސްގެ ވެރިޔާ އަބްދުއް ސަލާހު ހަސަން ފާހަގަ ކުރި ގޮތުގައި އައްޑޫއަށް ފަތުރުވެރިން ގެނައުމަށް އެންމެ މުހިއްމު އެއް މަސައްކަތަކީ މިފަދަ ފެއާތަކުގައި ބައިވެރިވެ އައްޑޫ މާކެޓު ކުރުމެވެ. އެގޮތުން އައިޓީބީ ޗައިނާ ފެއާގައި އައްޑޫ ޕްރޮމޯޓު ކުރެވުނު ގޮތާއި މެދު ސަލާހު ހުރީ ހިތް ހަމަޖެހިފައެވެ.

ރިސޯޓުތަކުގެ ޖެނެރަލް މެނޭޖަރުކަން ވެސް ކުރައްވާފައިވާ ސަލާހުވެސް ފާހަގަ ކުރި އެންމެ މުހިއްމު ކަމަކީ ފެއާގެ ތެރެއިން ގިނަ އަދަދެއްގެ ޓުއަ އޮޕަރޭޓަރުންނާއި އެއާލައިންތަކާއި ބައްދަލުވެ މަންޒިލެއްގެ ގޮތުގައި އައްޑޫ އެފަރާތްތަކަށް ތައާރަފު ކުރެވިގެން ދިޔުމެވެ. މީގެ އިތުރުންވެސް އައްޑޫގެ ޓޫރިޒަމްގައި ހަރަކާތްތެރިވާ ފަރާތްތަކާއި އެކު ފެއާގައި ބައިވެރިވުމުން ޗައިނާގެ މާކެޓުން އައްޑޫއަށް ފަތުރުވެރިން ގެނައުމަށް ކުރަން ޖެހޭ ކަންކަން އެންމެންނަށް އެނގި އެއް އަމާޒަކަށް މަސައްކަތް ކުރުމަށް ފުރުސަތު ލިބުނުކަން ސަލާހު ފާހަގަ ކުރިއެވެ.

މި ފެއާ ތެރެއިން މޯލްޑިވިއަންގެ އިސް ފަރާތްތަކާއި އަދި މިހާރުވެސް ރާއްޖެއަށް ގިނަ އަދަދަކަށް ފަތުރުވެރިން ގެންނަ ލެޓްސްގޯ މޯލްޑިވްސް އާއި އައްޑޫ ޓީމުން ވަނީ މަޝްވަރާކޮށް ޗައިނާއިން އައްޑޫއަށް ފަތުރުވެރިން ގެނައުމަށް ގުޅިގެން މަސައްކަތް ކުރުމަށް މަޝްވަރާކޮށްފައެވެ. މި ބައްދަލުވުމުގައި ދިވެހި ރާއްޖެއިން ޗައިނާއަށް ކަނޑައަޅުއްވާފައިވާ ސަފީރު ފަޒީލު ނަޖީބު ވެސް ވަނީ ބައިވެރިވެވަޑައިގެންނެވިއެވެ. ފަޒީލު ނަޖީބުވެސް ވަނީ އައްޑޫގެ ފަތުރުވެރިކަން ފުޅާ ކުރުމަށް ޗައިނާ މާކެޓުގައި ކުރެވެން ހުރި މަސައްކަތެއް ކޮށްދެއްވާނެކަމަށް ވިދާޅުވެފައެވެ. އަދި އައްޑޫ ސިޓީ ކައުންސިލުން އައްޑޫ ޕްރޮމޯޓު ކުރުމަށް ކުރައްވާ މަސައްކަތަށް ތައުރީފު ކުރައްވައި ފަޒީލު ވިދާޅުވީ އައްޑޫ ކައުންސިލުން ދެއްކި ނަމޫނާ ރާއްޖޭގެ އެހެން ކައުންސިލުން ބަލައި ގަނެ ރާއްޖެ އިތުރަށް މާކެޓު ކުރުމަށް ގޮވާލާފައެވެ.

އައްޑޫގައި ޓޫރިޒަމް ފުޅާ ކުރުމަށް ކައުންސިލުން ކުރަމުންދާ މަސައްކަތުގައި އައްޑޫގެ ގިނަ ޒުވާނުން އަންނަނީ ބައިވެރިވަމުންނެވެ. މިހާރުވެސް ކައުންސިލުން ދޫކޮށްފައިވާ ގިނަ ބިންތަކުގައި އިންވެސްޓު ކުރަމުން އަންނަނީ ފަތުރުވެރިކަމުގައި ހަރަކާތްތެެރިވަމުން އަންނަ އައްޑޫގެ ޒުވާނުންނެވެ. އައިޓީބީ ޗައިނާއިންވެސް ފެނިގެން ދިޔައީ ޒުވާނުންގެ ޝައުގުވެރިކަމާއި އައްޑޫ މާކެޓު ކުރުމަށް އެ ޒުވާނުންގެ ހުރި ޖޯޝެވެ. އައްޑޫ ކައުންސިލުން ކުރިއަށް އޮތްތަނުގައި މިފަދަ ފެއާ ތަކުގައި އައްޑޫގެ ފަތުރުވެރިކަމުގައި ހަރަކާތްތެރިވާ އިތުރު ފަރާތްތަކަށް ފުރުސަތު ދިނުމަކީ މުހިއްމު ކަމެއްކަން މި ފެއާއިން ވަނީ ފެނިގެން ގޮސްފައެވެ.