ޓައިގާ ޝްރޮފާއި ޖާންވީ ކަޕޫރް އެކީގައި ކުޅެން ހަމަޖެހިފައިވާ ފުރަތަމަ ފިލްމު "ލަގް ޖާ ގަލޭ" ގެ ކާސްޓާ އިތުރު އެކްޓަރަކު ގުޅިއްޖެ އެވެ.
މީޑިއާތަކުން ބުނީ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން ހަދަން ތައްޔާރީތައްވަމުން އަންނަ މި ރިވެންޖް އެކްޝަން ލަވް ސްޓޯރީގެ ކާސްޓަށް އިތުރުވީ އަރަމުން އަންނަ ޒުވާން އެކްޓަރު ލަކްޝް ލަލްވާނީ ކަމަށެވެ. އޭނަ އަކީ ދަރުމާ އިން މިދިޔަ އަހަރު ގެނެސްދިން ވަރުގަދަ އެކްޝަން ފިލްމު "ކިލް" އިން ތައާރަފުކުރި އެކްޓަރެވެ.
ލަކްޝް އާއި އަނަންޔާ ޕާންޑޭ ލީޑް ރޯލު ކުޅޭ ގޮޮތަށް ދަރުމާ އިން މިދިޔަ "ޗާންދު މޭރާ ދިލް" ގެ ނަމުގައި ލޯބީގެ ފިލްމެއް ވެސް އިއުލާންކޮށްފައިވެ އެވެ.
ޖާންވީ ބަތަލާގެ ރޯލު ކުޅެން ހަމަޖެހިފައިވާ "ލަގް ޖާ ގަލޭ" ގެ ކާސްޓަށް ލަކްޝް އިތުރުވި އިރު، މި ދެ މީހުން އެކީގައި ކުރިން އެހެން ފިލްމެއްގެ މަސައްކަތް ވެސް ފެށި އެވެ. އެއީ 2019 ގައި ޝޫޓިން ފަށައި، ބައެއް ކަހަލަ މައްސަލަތައް ދިމާވެގެން ދަރުމާ އިން މަސައްކަތް ހުއްޓާލާފައި އޮތް "ދޯސްތާނާ 2" އެވެ.
ކޮލިން ޑި ކަންހާ ޑައިރެކްޓްކުރަން ފެށި އެ ފިލްމުގެ މަސައްކަތް ހުއްޓުނީ އޭގެ މުހިއްމު ރޯލަކަށް ނެގި ކާތިކް އާރިއަން އާއި ޕްރޮޑަކްޝަން ޓީމާ ޖެހުނު މައްސަލަތަކަކާ ގުޅިގެންނެވެ.
ވަރަށް އުންމީދީ އެކްޓަރެއްގެ ގޮތުގައި ފާހަގަކޮށްލެވޭ ލަކްޝް އަށް "ލަގް ޖާ ގަލޭ" އިން ފުރުސަތު ލިބުނު އިރު، ޝާހްރުކް ޚާންގެ ދަރިފުޅު އަރިއަން ޚާން ޑައިރެކްޓްކޮށް، ނެޓްފްލިކްސް އަށް ގެނެސްދޭން ތައްޔާރުވަމުން އަންނަ ސީރީޒް "ދަ ބޭޑްސް އޮފް ބޮލީވުޑް" ގެ މައިގަނޑު އެއް ތަރިއަކީ ވެސް ލަކްޝް އެވެ.
"ލަގް ޖާ ގަލޭ" ގެ ޑައިރެކްޓަރަކީ ދަރުމާގެ ކާމިޔާބު ފިލްމުތައް ކަމަށްވާ "ގުޑް ނިއުސް" އާއި "ޖުގް ޖުގް ޖިއޯ" ގެނެސްދިން ރާޖް މެހެތާ އެވެ. އޭނަ އެންމެ ފަހުގެ ފިލްމަކީ 2023 ގެ "ސެލްފީ" އެވެ.