އިސްރަށްވެހިންގެ ނާދީގެ މެންބަރުންނަށް ޓޭބަލް ޓެނިސް ކުޅެވޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށްޓަކައި ސްޕޯޓްސް މިނިސްތްރީން ޓޭބަލް ޓެނިސް ކުޅުމަށް ބޭނުންވާ ތަކެތި ހަދިޔާކޮށްފި އެވެ.
ސްޕޯޓްސް މިނިސްޓްރީގެ ފަރާތުން ތަކެތި ހަވާލުކޮށް ދެއްވީ މިނިސްޓަރު އަބްދުﷲ ރާފިއު އެވެ. އަދި ތަކެއްޗާ ހަވާލުވެވަޑައިގަތީ އިސްރަށްވެހިންގެ ނާދީ ހިންގަމުން އަންނަ ސޯޝަލް އެންޑް ފެމިލީ މިނިސްޓަރ ޑރ. އައިޝަތު ޝިހާމެވެ.
އިސްރަށްވެހިންގެ ނާދީގައި މި ކުޅިވަރު ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައިވަނީ ޓޭބަލް ޓެނިސް އެކަޑެމީގެ އެހީތެރިކަމާ އެކީގަ އެވެ. މި ޕްރޮގްރާމްގެ ސަބަބުން ދުޅަހެޔޮ ޞިއްޙަތެއްގައި ތިބުމަށް އިސްރަށްވެހިންނަށް މަގުފަހިވުމުގެ އިތުރުން، ޖީލުތަކުގެ މެދުގައި އޮންނަ ހުސްކަން ކުޑަކުރުމަށް ފުރުޞަތު ލިބިގެން ދާނެ އެވެ.
އިސްރަށްވެހިންގެ ނާދީ އަކީ އިސްރަށްވެހިންގެ އިޖުތިމާޢީ، ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ތަފާތު އެކި ޕްރޮގްރާމްތަކާއި ހަރަކާތްތައް ހިންގަމުންދާ، އިސްރަށްވެހިންގެ ތެރޭގައި ބޮޑު މަޤުބޫލުކަމެއް ހޯދައިފާ މަރުކަޒެކެވެ.
އެ ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުޞަތު 55 އަހަރުން މަތީގެ ކޮންމެ ފަރާތަކަށް ވެސް އޮންނާނެ އެވެ.