Last Updated: June 6, 21:37
Friday, June 6, 2025
މުނިފޫހިފިލުވުން

ޝަނާޔާގެ އަލަތު ފިލްމުގެ ޕޯސްޓަރު ދައްކާލައިފި

ބޮލީވުޑްގެ ނުފޫޒު ގަދަ ފިލްމީ އާއިލާއަކަށް ނިސްބަތްވާ ޝަނާޔާ ކަޕޫރް ތައާތަފުކުރާ ފިލްމު "އާނކޯ ކީ ގުސްތާކިޔާ" ގެ ޕޯސްޓަރު މިއަދު ދައްކާލައިފި އެވެ.

ޕްރޮޑިއުސަރުން ކަމަށްވާ މާންސީ ބަގްލާ އާއި ވަރޫން ބަގްލާގެ ފިލްމު ކުންފުނި، މިނީ ފިލްމްސް އިން ގެނެސްދޭ ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައި އޮތީ އަންނަ މަހުގެ 11 ގައި އެވެ.

ލޯފަން މިއުޒިޝަނަކާއި ސްޓޭޖް ތަމްސީލުތައް ކުޅޭ ބަތަލާއަކާ ދެމެދު އުފެދޭ ގުޅުމެއްގެ ވާހަކަ ކިޔައިދޭނެ "އާނކޯ ކީ ގުސްތާކިޔާ" ގެ ޑައިރެކްޓަރަކީ މަގުބޫލު ވެބް ސީރީޒްތައް ކަމަށްވާ "ބްރޯކެންޑް ބަޓް ބިއުޓިފުލް" އާއި "އަޕަހާރަން" ގެނެސްދިން ސަންތޯޝް ސިންގެވެ.

މި ފިލްމުގެ ބަތަލަކީ މޮޅު އެކްޓަރެއްގެ ގޮތުގައި ފާހަގަކޮށްލެވޭ ވިކްރާންތު މަސީ އެވެ.

"އާނކޯ ކީ ގުސްތާކިޔާ" ގެ ޓީޒާ މާދަމާ ބެލުންތެރިންނަށް ދޫކޮށްލަން ނިންމާފައިވާ އިރު، ޝަނާޔާގެ އަތުގައި މިހާރު ވެސް އިތުރު ހަތަރު ޕްރޮޖެކްޓެއް އެބައޮތެވެ. އެއީ ޑައިރެކްޓަރު ބިޖޯއި ނަމްބިއާގެ "ތޫ ޔާ މޭ" އާއި މަލަޔާޅަމް އެކްޓަރު މޯހަންލާލުގެ ޕީރިއަޑް ފިލްމު "ރުޝުބާ" އާއި ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންގެ ވެބް ސީރީޒް "ސްޓޫޑެންޓް އޮފް ދި އިޔާ 3" ގެ އިތުރުން އެކްޓަރު އަބޭ ވަރުމާއާ އެކީ ކުޅެފައިވާ އަދި ނަން އިއުލާން ނުކުރާ ފިލްމެކެވެ.

ޝަނާޔާ އަކީ މަޝްހޫރު އެކްޓަރު އަނިލް ކަޕޫރާއި ޕްރޮޑިއުސަރު ބޯނީ ކަޕޫރްގެ ކޮއްކޮ ސަންޖޭ ކަޕޫރްގެ ދޮށީ ދަރިފުޅެވެ. އަދި އޭނަ އަކީ ފިލްމީ ތަރިން ކަމަށްވާ ސޯނަމް ކަޕޫރާއި އަރުޖުން ކަޕޫރާއި ޖާންވީ ކަޕޫރްގެ އިތުރުން ހުޝީ ކަޕޫރްގެ ކަޒިންއެކެވެ.