ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ވިލިމާލޭގައި އަޅަން އިމާރާތް ކުރަން ހަމަޖެހިފައިވާ "ވިލިމާލޭ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ހޮސްޕިޓަލް" އެޅުމުގެ ލެޓާ އޮފް އެކްސްޗޭންޖްގައި މިއަދު ސޮއިކޮށްފި އެވެ.
ދަރުމަވަންތަ ހޮސްޕިޓަލުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ.އަބްދުﷲ މުއްތަލިބެވެ. ޗައިނާގެ ފަރާތުން އެ ގައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކޮންގް ޒިއަންހުއާ އެވެ.
އެ ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ 112 އެނދުގެ ހޮސްޕިޓަލުގެ މަޝްރޫއު އެޕްރޫވްކުރުމާއެކު ހަލުއިކޮށް މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ. އަދި މި އަހަރު ކޮންޓްރެކްޓަރު ހޯދުމުގެ މަސައްކަތް ނިންމައި އަންނަ އަހަރު އަމަލީ މަސައްކަަތް ފެށޭނެކަމުގެ ޔަގީންކަން ވެސް ދެއްވި އެވެ.
ޗައިނާގެ ސަފީރުގެ ވިދާޅުވީ ވިލިމާލޭގައި އަޅާ ހޮސްޕިޓަލަކީ ރާއްޖޭގައި ގާއިމުކުރެވޭ އެންމެ ބޮޑު އެއް ހޮސްޕިޓަލަށް ވާނެ ކަމަށާއި އެ ހޮސްޕިޓަލަކީ އެންމެ ޒަމާނީ ވަސީލަތްތައް ވެސް ގާއިމުކުރާނެ ތަނެއް ކަމަށެވެ.