އަޟްހާ އީދު ދުވަހުގެ ހަވީރު މާލެ ސަރަހައްދުގެ މަގުތަކުގައި ވެހިކަލް ދުއްވުން މަނާވާނެ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފި އެވެ.
ސިޓީ ކައުންސިލުން ބުނީ މިދިޔަ އަހަރުގެ ޖޫން މަހު ބޭއްވި ސިޓީ ކައުންސިލް ބައްދަލުވުމުގައި ނިންމާފައިވާ ގޮތަށް މިއަހަރުގެ ބޮޑު އީދު ދުވަހުގެ ހަވީރު 16:00 އިން 18:00 އަށް މާލޭ ސަރަހައްދުގެ މަގުތަކުގައި ވެހިކަލް ދުއްވުން މަނާ ވާނެ ކަމަށެވެ.
އެ ގަޑީގައި އެމެޖެންސީ ހާލަތުގައި ދަތުރުކުރާ ވެހިކަލްތަކަށް ދޫކުރާ ހާއްސަ ސްޓިކާ ސިޓީ ކައުންސިލުގެ އާންމު ހިދުމަތާ ބެހޭ ބައިން (ތައިސޭކޮށި، މާލެ) އަންނަ ހުކުރު ދުވަހު ހެނދުނު 08:30 އިން 10:30 އަށް އަދި މެންދުރުފަހު 2:00 އިން 3:45 އަށް ދޫކުރާނެ ކަމަށް ކައުންސިލުން ބުނެ އެވެ.
އެ ވަގުތުތަކުގައި އިންޖީނުލީ އަދި ބެޓެރި އުޅަނދު ދުއްވުން މަނާވާނެ އެވެެ. އަދި އެ އެންގުމާ ހިލާފުވާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށްވެސް ސިޓީ ކައުންސިލުން ބުންޏެވެ.