Last Updated: June 6, 21:37
Friday, June 6, 2025
ޚަބަރު

ދީނުގެ ހަމަތަކުގެ ތެރެއިން އީދު ފާހަގަކުރަން އެދިއްޖެ

އަޟްހާ އީދުގެ ފާހަގަ ކުރުމަށް ބޭއްވި ކުޅިވަރު ހަރަކާތްތަކުގެ ތެރެއިން - ފޮޓޯ: ސަން

އިސްލާމީ ހަމަތަކުގެ ތެރެއިން އީދު ފާހަގަކުރަން ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން ސިޓީތަކުގެ މޭޔަރުންނަށާއި އަތޮޅު އަދި ކައުންސިލް ރައީސުންނަށް އަންގައިފި އެވެ.

އެލްޖީއޭގެ ސީއީއޯ މުހައްމަދު ނިމާލް ސޮއިކުރައްވާ ސިޓީތަކާއި ރަށު އަދި އަތޮޅު ކައުންސިލްތަކަށް ފޮނުއްވި ސިޓީއެއްގައި ވަނީ ކައުންސިލުތަކުން ފާހަގަކުރާ ދުވަސްތަކުގެ ތެރެއިން އެންމެ ކުލަގަދަކޮށް ފާހަގަކުރާ އެއް ދުވަހަކީ އީދު ދުވަސް ކަމަށެވެ.

އީދަކީ ދީނީ ގޮތުން އިސްލާމީ އުންމަތުގައި ވެސް ކުލަގަދަކޮށް ފަހަގަކުރާ ދުވަހަކަށްވާއިރު، މިއީ ރަށުގެ އެއްބައިވަންތަކަމާއި އިޖުތިމާއީ ގުޅުން ވެސް ބަދަހިކޮށްދޭ ކަމެއް ކަމަށާއި އީދު ފާހަގަކުރުމުގެ މައިގަނޑު މަގުސަދަކީ އިސްލާމްދީނުގެ ހަމަތަކާއި އުސޫލުތައް ދިރުވައި އާލާކުރުމާއި ދިވެހި ސަގާފަތް ދިރުވައި އާލާކުރުން ކަމަށް ސިޓީގައިވެ އެވެ.

"އެހެންކަމުން ކައުންސިލުތަކުން އީދު ފާހަގަކުރުމުގައި އިސްލާމީ ހަމަތާކާއި އުޞޫލުތަކުގެ ތެރެއިން ކަންކަން ކުރުމަކީ ކައުންސިލުތަކަށް ގާނޫނުން މަތިކޮށްފައިވާ ދީނީ އެއްބައިވަންތަކަން ގާއިމް ކުރުމުގެ ޒިންމާގެ ތެރޭން ކުރައްވަންޖެހޭ ކަމެއްކަމުގައި މި އޮތޯރިޓީން ދެކެމެވެ،" އެ ސިޓީގައި ވެ އެވެ.

މި ސިޓީގައި ވަނީ، އީދު ފާހަގަކުރުމަށް ކައުންސިލްތަކުން އިންތިޒާމުކުރާ ހަރަކާތްތަކަކީ ދީނުގެ އިމުން ބޭރުނުވާނެ ހަރަކާތްތަކެއްކަން ކަށަވަރު ކުރުމަށް އަންގައިފަ އެވެ. އަދި މި ހަރަކާތްތައް ހިންގުމުގައި އާންމު އިޖުތިމާއީ މިންގަނޑުތަކާ ޚިލާފު ނުވާނެހެން ކަންކަން އިންތިޒާމު ކުރުމަށް ވެސް ވަނީ އަންގާފައިވެ އެވެ.