Last Updated: June 6, 21:37
Friday, June 6, 2025
މުނިފޫހިފިލުވުން

'މެޓްރޯ…އިން ދިނޯ' ގެ ޓްރެއިލާ މިއޮތީ

އަންނަ މަހުގެ 4 ގައި ސިނަމާތަކަށް ދޫކޮށްލަން ހަމަޖެހިފައިވާ ބޮލީވުޑްގެ ޑައިރެކްޓަރު އަނޫރާގް ބާސޫގެ "މެޓްރޯ…އިން ދިނޯ" ގެ ޓްރެއިލާ މިއަދު ދައްކާލައިފި އެވެ.

ބުޝަން ކުމާރުގެ ޓީ ސީރީޒުން ޕްރޮޑިއުސްފައިވާ މި ފިލްމަކީ އަނޫރާގް 2007 ގައި ގެނެސްދިން ކާމިޔާބު އެންތޮލޮޖީ "ލައިފް އިން އަ…މެޓްރޯ" އާ ގުޅުވައިގެން ގެނެސްދޭ ފިލްމެކެވެ. ނަމަވެސް ކުރީގައި ބައިގެ ކާސްޓުންގެ ތެރެއިން އާ ފިލްމުގައި ހިމެނޭ މައިގަނޑު ތަރި އަކީ ހަމައެކަނި ކޮންކޮނާ ސެން ޝަރުމާ އެވެ.

"މެޓްރޯ…އިން ދިނޯ" ގެ ކާސްޓްގައި ސާރާ އަލީ ޚާން، އަދިތިޔާ ރޯއި ކަޕޫރް، ފާތިމާ ސަނާ ޝައިހް، އަލީ ފަޒަލް، ޕަންކަޖް ޓްރިޕާތީ، ނީނާ ގުޕްތާ އަދި އަނޫޕަމް ކޭރް ހިމެނެ އެވެ.

މި ފިލްމަކީ މި އަހަރު އަނޫރާހް ގެނެސްދޭން ހަމަޖެހިފައިވާ ދެ ފިލްމުގެ ތެރެއިން ފުރަތަމަ ފިލްމެވެ. އަނެއް ފިލްމަކީ ނޮވެމްބަރަށް ތާވަލުކޮށްފައި އޮތް އަސަރު ގަދަ ލޯބީގެ ފިލްމެކެވެ. ނަން އަދިވެސް އިއުލާން ނުކޮށް، ޝޫޓި ނިންމާލައި މިހާރު ޕޯސްޓް-ޕްރޮޑަކްޝަން މަރުހަލާގައި އޮތް އެ ފިލްމުގެ ތަރިންނަކީ ކާތިކް އާރިއަނާއި ސްރީލީލާ އެވެ.

"މާޑާ" އާއި "ބަރްފީ" އަދި "ގޭންގްސްޓާ" ފަދަ ކާމިޔާބު ފިލްމުތައް ގެނެސްދިން އަނޫރާގްގެ އެންމެ ފަހުގެ ފިލްމަކީ ވެސް އެންތޮލޮޖީއެކެވެ. އެއީ 2020 ގެ "ލޫޑޯ" އެވެ.