Last Updated: June 6, 21:37
Friday, June 6, 2025
ރިޕޯޓް

އަރަފާތް ދުވަހުގެ ތާވަލެއް މިއޮތީ!

ޢަރަފާތް ދުވަހަކީ އާދައިގެ ދުވަހެއް ނޫނެވެ. ޢަރަފާތް ދުވަހަކީ އަހަރުގެ އެންމެ މާތް ދުވަހެވެ. ޢަރަފާތް ދުވަހު މާތް ﷲ ދުނިޔޭގެ އުޑަށް ފައިބައިވޮޑިގަންނަވާނެ ކަމަށް އައިސްފައިވެއެވެ. ޢަރަފާތް ދުވަހަކީ އެންމެ ގިނަ މީހުން ނަރަކައިން މުއްތި ކުރެވޭނެ ދުވަހެވެ. ޢަރަފާތް ދުވަހު ކުރެވޭ ދުޢާއަކީ އެންމެ މާތް އަދި އެންމެ މޮޅު އިތުރު ވެގެންވާ ދުޢާއެވެ.

ލައިލަތުލްޤަދްރި ވިލޭރޭ ހޯދުމަށްޓަކައި މަސައްކަތް ކުރި ގޮތަށް އަޅުގަނޑުމެން މި ދުވަހުގައި މަސައްކަތް ކުރަން ވާނެ އެވެ. އެހެނީ ލައިލަތުލްޤަދްރި ވިލޭރޭއަކީ އެންމެ މާތް ރެއެވެ. ޢަރަފާތް ދުވަހަކީ އެންމެ މާތް ދުވަހެވެ.

އެހެންކަމުން މި ދުވަހުގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ހިފަން ވާނެ އެވެ. ތިރީގައި މި ބަޔާން ކުރަނީ ޢަރާފާތް ދުވަހުގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ހިފުމަށް އެހީތެރިވެދޭނެ ޢަމަލީ ތާވަލެކެވެ.

* އެންމެ ފުރަތަމަ ކަމަކަށް ޢަރަފާތް ދުވަހު ހާރު ދަމު ހޭލަން ވާނެ އެވެ. އެއަށްފަހު ހާރުކައި ޢަރަފާތް ދުވަހު ރޯދައަށް ހުންނަން ނިޔަތް ގަންނާނީ އެވެ. އެއަށްފަހު ނަމާދަށް ތައްޔާރުވެ ދަމުނާމަދުގެ ދެ ރަކުޢަތް ކޮށް ވިތުރި ކުރާނީ އެވެ.
* ދެން ބަންގި ގޮވުމުގެ ކުރިން މިސްކިތަށް ގޮސް އެވަގުތު ދުޢާ ކުރުމުގައި ހޭދަ ކުރާނީ އެވެ. ބަންގި ގޮވުމުން ބަންގި ދުޢާ ކިޔައި، ފަތިސް ނަމާދުގެ އިހު ސުންނަތް ކުރާނީ އެވެ. ދެން ޤަމަތް ދޭން ދެން ދުޢާ ކުރާނީއެވެ. އެހެނީ ބަންގި އާއި ޤަމަތާ ދެމެދަކީ ދުޢާ އިޖާބަވުން ގާތް ވަގުތު ކޮޅެކެވެ.
* ފަތިސް ނަމާދުކޮށް ނިމުމުން ޒިކުރު ތަސްބީޙަ ކިޔައި، ހެނދުނުގެ ދުޢާތައް ކިޔުމާއި ޤުރްއާން ކިޔެވުމުގައި އިރު އަރަންދެން ހޭދަކުރާނީ އެވެ. ނިދި އަންނަ ނަމަ މިސްކިތުގައި ކުޑަކޮށް ހިނގާލައި ނުވަތަ އިށީނދެގެން އިން ތަން ބަދަލުކޮށްލެވިދާނެ އެވެ.
* އިރު އެރުމުން ގެއަށް ގޮސް އަރާމުކޮށްލާނީ އެވެ. ބޭނުންނަމަ ޟުޙާ ނަމާދު ކޮށްގެން ނިދިދާނެ އެވެ. ނުވަތަ ނިދިން ހޭލުމަށް ފަހު ކުރަން ވެސް ލަސްކޮށްލެވިދާނެ އެވެ.
* ދެން މެންދުރު ވަގުތު ވުމުގެ ކުރިން ނަމާދަށް ތައްޔާރުވެ ބަންގީގެ ކުރިން މިސްކިތަށް ގޮސް ބަންގި ގޮވަންދެން ޤުރްއާން ކިޔެވުމުގައި ވަގުތު ހޭދަކުރާނީ އެވެ. ރަވާތިބު ސުންނަތްތައް ކުރަން ހަނދާނުގައި ބަހައްޓަންވާނެ އެވެ.
* މެންދުރު ނަމާދުކޮށް ނިމުމުން ޤުރްއާން ކިޔަވާ ދުޢާ ކުރުމަށް މަޑުކޮށްލަންވާނެ އެވެ.
* އެއަށް ފަހު ގޭގެ ކަންތައްތައް ކޮށްލާނީ އެވެ. މި ހުރިހާ ވަގުތެއްގައި ވެސް ޒިކުރުގެ މަތީގައި ހުރެވޭތޯ މަސައްކަތް ކުރަންވާނެ އެވެ. އަދި ގޭގެ ކަންތައްތައް ކުރާއިރުގައްޔާއި ބާޒާރުކުރާ އިރު ވެސް މިއީ މާތް ﷲ ގެ ރުހިވޮޑިގަތުން ހޯދުމަށްޓަކައި ކުރާކަމެއް ގޮތަށް ނިޔަތް ގަތުމަކީ އެންމެ މޮޅު ގޮތެވެ. އޭރުން އެކަންތައްތައް ވެސް ވާނީ އަޅުކަމަކެށެވެ.
* ކަނބަލުންނަށް މި ވަގުތުގައި ރޯދަ ވިއްލުމަށްޓަކައި ބައެއް އެއްޗެހި ތައްޔާރުކޮށްލެވޭނެއެވެ. އަންހެން ކަންބަލުން ވެސް ގޭގެ މަސައްކަތްތައް ކުރާއިރު މިއީ މާތް ﷲ ގެ ރުހިވޮޑިގަތުން ހޯދުމަށްޓަކައި ކުރާކަމެއް ގޮތަށް ނިޔަތް ގަތުމަކީ އެންމެ މޮޅު ގޮތެވެ. އޭރުން އެކަންތައްތައް ވެސް ވާނީ އަޅުކަމަކެށެވެ.
* އެއަށް ފަހު އަޞްރު ނަމާދަށް ވެސް ކުރިން ގޮސް ކުރިން ކަންތައް ކުރި ގޮތައް ކަންތައް ކުރާނީ އެވެ. ބަންގި އާއި ޤަމަތާ ދޭތެރޭ ހަމައެކަނި ދުޢާ ކުރުން އެއީ އެންމެ މޮޅު ގޮތެވެ.
* ނަމާދު ފަހުން ހަވީރުގެ ޒިކުރުތައް ކިޔައި ދުޢާ ކޮށް ޤުރްއާން ކިޔަވާނީ އެވެ.
* އެންމެ ފަހުން، މަޣްރިބު ނަމާދަށް ތައްޔާރު ވާނީ އެވެ. މިސްކިތަށް ބަންގި ގޮވުމުގެ ކުރިން ދެވެން އޮތް ނަމަ މިސްކިތަށް ގޮސް އެވަގުތު ދުޢާ ކުރުން އެއީ އެންމެ މޮޅު ގޮތެވެ. ދެން ބަންގި ގޮވުމުން މިސްކިތުން ރޯދަ ވީއްލައި ނަމާދަށް ފަހު ގެއަށް ގޮސް ޢާއިލާ މިހުނާއެކު ކާނީ އެވެ.

މިއީ ތިބޭފުޅުންނަށް ހުށަހަޅައިލި ތާވަލެކެވެ. މީގައި އޮތްގޮތަށް ކޮންމެހެން ކަންތައް ކުރާކަށް ނުޖެހޭނެ އެވެ. އެ ބޭފުޅުކަށް ފަސޭހަ ގޮތަކަށް ތާވަލަށް ބަދަލު ގެނެވޭނެ އެވެ.

މުހިއްމު ކަމަކީ ޢަރަފާތު ދުވަހު ގިނަ ވަގުތު އަޅުކަންކުރުމާއި ދުޢާ ކުރުމުގައި ހޭދަ ކުރެވޭނެ ގޮތަށް ރާވާލުމެވެ. އަދި އެ ދުވަހު ކުރާނެ ދުޢާ ތަކެއް މިހާރުންސުރެ ތައްޔާރު ކުރަންވާނެއެވެ.

މާތް ﷲ އަޅުގަނޑުމެންނަށް ހެޔޮ ޢަމަލުތައް ކުރަން ފަސޭހަކޮށް ދެއްވާށި! އަދި އަޅަމެންގެ ކިބައިން އެ ޢަމަލުތައް ޤަބޫލު ކުރައްވާށި!

ޢަރަފާތު ދުވަހު މިދުޢާ ކިޔަން ހަނދާން ނައްތާނުލާތި

ޢަރަފާތު ދުވަހު އެންމެ މޮޅުއިތުރުވެގެންވާ ދުޢާކަމަށް ރަސޫލާ صلى الله عليه وسلم ޙަދީޘްފުޅު ކުރައްވާފައިވާ ދުޢާއަކީ:

لاَ إِلَهَ إِلاَّ اللهُ وَحْدَهُ لاَ شَرِيْكَ لَهُ، لَهُ الْمُلْكُ وَلَهُ الْحَمْدُ، وَهُوَ عَلَى كُلِّ شَيْءٍ قَدِيْرُ

ކީރިތި ރަސޫލާ صلى الله عليه وسلم ހަދީޘް ކުރެއްވިއެވެ. ”އެންމެ ހެޔޮ ދުޢާއަކީ ޢަރަފާތް ދުވަހު ކުރާ ދުޢާއެވެ. އަދި އެންމެ ހެޔޮ ދުޢާއަކީ ތިމަން ނަބިއްޔާއާއި ތިމަން ނަބިއްޔާގެ ކުރީގެ ނަބީބޭކަލުންވެސް ވިދާޅުވެފައިވާ: لاَ إِلَهَ إِلاَّ اللهُ وَحْدَهُ لاَ شَرِيْكَ لَهُ، لَهُ الْمُلْكُ وَلَهُ الْحَمْدُ، وَهُوَ عَلَى كُلِّ شَيْءٍ قَدِيْرُ އެވެ.” (رواه الترمذي وحسنه الألباني)

ކޮންމެއަކަސް އަޅުގަނޑުމެން އެންމެންނަކީ މިފަދަ މަތިވެރި ދުވަހެއްގެ ފާފަ ފުއްސެވުމާއި ރަޙްމަތަށް ދަހިވެތިވެފައިވާ ބައެއް ކަމުގައިވެ އަޅުގަނޑުމެންގެ އާޚިރަތުގެ ތިލަފަތް ބަރުކުރުމަށް ގަދައަޅާ މަސައްކަތް ކުރަމާތޯ!

މަސްދަރު: އިލްމު.އެމްވީ